އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރެމޯ ޑިސޫޒާއަށް މީހުން "ކަޅު" ކަމަށް ބުނެ ހަނގާކުރި ކަމަށް އޭނާ ބުނެފި އެވެ.

އިންސްޓަގްރާމުގައި ރެމޯ ކުރި ޕޯސްޓެއްގައި އޭނާ ވަނީ އޭނާގެ އަންހެނުން ލިޒޭލް ޑިސޫޒާއާ ދެމީހުން އެކުގައި މަޖާ ވަގުތު ހޭދަކުރާ ވީޑިއޯކޮޅެއް އާންމުންނާއި ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި ރެމޯ ވަނީ މުހައްމަދު ރާފީގެ "ހަމް ކާލޭހޭތޯ ކްޔާހުވާ ދިލް ވާލޭހޭ" ލަވަ އަށް އެކްޓުކޮށްފަ އެވެ.

އެގޮތުން ޕޯސްޓުގެ ކެޕްޝަންގައި ރެމޯ ބުނީ، އޭނާ ކުޑައިރު ވަރަށް ގިނަ ބަޔަކު އޭނާ ކަޅުކަމަށް ބުނެ ހަނގާކުރިކަމަށެވެ. އަދި އެކަމަށް އޭނާ ނަފްރަތުކުރިކަމަށްވެސް އޭނާ ބުންޏެވެ.

ރެމޯ އެކަމާއި ދެރަވާ ވަގުތުތަކުގައި އޭނާގެ މަންމަ އޭނާ އަށް އެ ލަވަ ކިޔައިދިން ކަމަށާއި، އެކަން އެހެން ތަކުރާރުވަމުން ގޮސް މިހާރު އެލަވައަކީ އޭނާއަށް އެންމެ ކަމުދާ ލަވައަކަށް ވެފައިވާކަމަށް ރެމޯ ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CacIl2Pp8X4/

ރެމޯ އާންމުކޮށްފައިވާ ޕޯސްޓުގައި އޭނާ ކިޔާފައިވާ ލަވައަކީ މީގެ ގިނަ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ލަވައެކެވެ. 1965 ގައި "ގުމްނާމް" ނަމަކަށް ކިޔުނު ފިލްމުގައި އެލަވަ ކުޅެދިނީ މެހެމޫދެވެ. އަދި އެ ލަވައިގައި މަޖާ މިޒާޖަކުން ދައްކައިދެނީ، ހަންގަނޑު ކަޅު މީހަކަށްވީނަމަވެސް އެކަމުގައި ފަރަގެއް ނުވާކަމެވެ.