ޝުގާ ފްރީ ބުއިންތަކަކީ އާއްމު ގޮތެއްގައި ހުންނަ ފިޒީ ބުއިންތަކާއި އެނާޖީ ޑްރިންކްސްތަކުގެ ބަދަލުގައި ގިނަ ބަޔަކު ބޭނުންކުރާ "ސިއްހަތަށް ފައިދާހުރި" ބަދަލެކެވެ. ބާޒާރު ކުރުމުގައި ޝުގާ ފްރީ އުފެއްދުންތަކަށް އިސްކަން ދެވެނީ އެއިން ލިބޭ ފައިދާތައް ގިނަވާނެ ކަމަށް ވިސްނޭތީ އެވެ.

ނަމަވެސް ހަކުރު އެކުލެވިގެންވާ ބުއިންތަކާ އެއްވަރަށް ހަކުރު އެކުލެވިގެން ނުވާ ކަމަށް ދައުވާކުރާ ބުއިންތަކުންވެސް ދަތްތައް ހަލާކުވާ ކަމަށް ދިރާސާއަކުން މިވަނީ ދައްކައިފަ އެވެ.

މެލްބަރިން ޔުނިވާސިޓީގައި ތަފާތު 23 ވައްތަރުގެ ބުއިންތައް (ސޮފްޓް އަދި ސްޕޯޓްސް ބުއިންތައް އެކުލެވޭ ގޮތަށް) ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ހަކުރު އެކުލެވިގެންވާ ބުއިންތައް ބޭނުން ކުރުމުން ދަތްތަކަށް ލިބޭ ގެއްލުމާއި އެއްވަރަށ،ް ބުއިމަށް ދެވި ހިފާ މާއްދާތައް އެކުލެވޭ އަދި "ޕީއެޗް" ލެވެލް ދަށް "ޝުގާ ފްރީ" ބުއިންތަކުން ވެސް ދަތްތަކަށް ގެއްލުން ލިބެ އެވެ.

ދިރާސާގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ އެރިކް ރޭނޯލްޑްސް ބުނީ، ހަކުރު ބޭނުންކުރާ މިންވަރު މަދު ކުރި ނަމަވެސް ދަތްތަކަށް ކުރިއެކޭ އެއްވަރަށް ގެއްލުން ލިބޭކަން ގިނަ ފަރާތްތަކަށް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން ވެސް މިފަދަ ބުއިންތަކުގައި ފޮނިރަހަ ލައްވަން ބޭނުންކޮށްފައި ހުންނަ އާޓިފިޝަލް ސްވީޓްނާސްއަކީ ކެންސަރާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކަށް މަގުފަހި ކުރުވާ އެއްޗެއް ކަމަށްވެސް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.

އެހެން ކަމުން ދެން ބާޒާރު ކުރުމުގައި ޝުގާ ފްރީ އުފެއްދުންތައް ގަތުމަށްވުރެ ގޭގައި ތާޒާކޮށް ހަދައިގެން ބުއިން މާ ބުއްދިވެރި ވާނެ އެވެ.