ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަމީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން މީހާގެ މޫނުމަތީގެ ތާޒާކަން ގެއްލި ބައެއްފަހަރު މުސްކުޅިވާ ކަމުގެ އިހުސާސްތަކެއްވެސް ކުރެވެ އެވެ.
ލޮލުގެ ކައިރި ކަޅުވުމުން ސަލާމަތް ވުމަށް ގިނަ މީހުން މޭކަޕް ބޭނުންކުރެ އެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. ހާއްސަކޮށް ބުރަކޮށް މަސައްކަތްކޮށް ނިދި މަދުވާ މީހުންގެ ލޯކައިރި ކަޅުވުން އަވަސްވެ އެވެ. އެހެންކަމުން ހަމަ ނިދި ލިބި ރަގަޅަށް އަރާމު ކުރާނަމަ ލޯކައިރި ކަޅުވުން ރަގަޅު ވާނެ އެވެ.
އޭގެ އިތުރުން ލޯކައިރި ކަޅުވުމަށް ދާއިމީ ހައްލެއް ގެނުވައިދޭ އެއްޗަކީ 'މިންޓް ލީވްސް' ނުވަތަ ކުދީނާ ފަތެވެ. ލޯކައިރި ކަޅުވެފައި ހުންނަ ހިސާބުގައި ކުދީނާ ފަތް ހޭކުމުން ލޯކައިރި ކަޅުވުން ހައްލުކުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ އެންޓި އޮކްސިޑެންޓް ލިއްބައިދީ ލޯކައިރި ކަޅުވުން ހައްލުވެ ޒުވާންކަމާއި ރީތި ކަންމަތީ ދެމި ހުރެއެވެ.
ކުދީނާފަތް ބޭނުންކޮށްގެން ލޯކައިރީ ހާކާ ކްރީމް ނުވަތަ ޕޭސްޓް ތައްޔާކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެންމެ ފުރަތަމަ ކުދީނާފަތް މިކްސަރަކަށް ނުވަތަ ދައިން ނަމަވެސް ޗިސްކޮށްލާށެވެ. އަދި ޗިސްކުރި ކުދީނާ ފަތުގެ ތެރެއަށް ޒައިތޫނި ތެޔޮ ނުވަތަ އާމަންޑް އޮއިލް އެއްކޮށްލާށެވެ. ރަގަޅަށް އެއްވުމުން ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި ތައްޔާރު ކުރި ކްރީމް ހާކާލާށެވެ. އެއަށް ފަހު 30 މިނެޓް މަޑުކޮށްލުމަށް ފަހު މޫނު ރީތި ކޮށް ދޮވެލާށެވެ. ލޯކައިރި ކަޅުވުމަށް އަވަސް ހައްލެއް ލިބިގެންދާނެ އެވެ.
އޭގެ އިތުރުންވެސް ރަނގަޅު ކާނާ ކެއުމާއި ރަގަޅަށް އަރާމުކުރުން އަދި ނިދި ހަމަކުރުމަކީވެސް ލޯކައިރި ކަޅުވުން ހައްލު ވެގެންދާނެ ކަންކަމެވެ.