ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައި މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ދާއިރާއަށާއި ސިޔާސީ ދާއިރާ އަދި މީޑިއާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ހުސެއިން މުހައްމަދު މައްޗަށް ކުރެވުނު ކަށު ނަމާދަށް ފަހު، އޭނާ މިހާރު ވަނީ ފަސްދާނުލައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުސެއިން މުހައްމަދު އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ހުސެއިން މުހައްމަދަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ގާތް ރަހްމަތްތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި،" ރައީސް ވިދާޅުވި އެވެ.

އއ. ފެރިދު އަށް އުފަން އުމުރުން 71 އަހަރުގެ ހުސެއިން މުހައްމަދު ވަނީ ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަގާމު ނުވަތަ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން އާފަތިސް ނޫހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވައިފަ އެވެ.

ހުސެއިން މުހައްމަދަކީ ބޭރު ޚަބަރުތައް ދިރާސާކުރައްވައި ތަރުޖަމާކުރެއްވި މޮޅު ލިޔުންތެރިއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ބޭރު ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކާ ހަމަޔަށް ކުރެއްވި އެވެ. އަދި އާފަތިސް ނޫހުގައި ވެސް ބޭރު ޚަބަރު ލިޔުއްވުމުގެ މަސައްކަތް އެ ދުވަސްވަރު ކުރެއްވި އެވެ.

ރާއްޖޭގެ ނޫސްތަކަށް ބޭރުގެ ކުޅިވަރު ޚަބަރުތައް ތައާރަފްކުރެއްވީ ވެސް ހުސެއިން މުހައްމަދެވެ. އެގޮތުން "ބޭރު ދުނިޔެއިން ކުޅިވަރު" އާފަތިސް ނޫހަށް ތައާރަފްކުރެއްވީ ވެސް އޭނަ އެވެ.

ހުސެއިން މުހައްމަދު ވަނީ ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އެކި މަގާމުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

2005 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރެއްވި ހުސެއިން މުހައްމަދު ވަނީ ސިޔާސީ ޕާޓީ އުފެދުމުން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އެންމެ ފަހުން ހުންނެވީ ވަނީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.