މޮސްކޯ (02 މާޗް) - ޔޫކްރެއިންގެ ހުޅަނގުން އޮންނަ ސަރަހައްދެއް ކަމަށްވާ ކެރްސަންގެ ކޮންޓްރޯލް ރަޝިއާއިން ނަގާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިގޯރު ކޮނަޝެންކޮވް ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ މައި ސަރަހައްދެއް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
"ރަޝިއާގެ އަސްކަރީ ބާރުތަކުން ވަނީ ކެރްސަންގެ ކޮންޓްރޯލް އެއްކޮށް ނަގާފައި،" އިގޯރު ވިދާޅުވި އެވެ.
ކެރްސަންއަކީ 2014 ވަނަ އަހަރު ރަޝިއާގެ އަތްދަށަށް ގެނެވުނު ކްރިމިއަން ޕެނިންސިއުލާއާ ގާތްގަނޑަކަށް 130 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދެކެވެ.
ރަޝިއާގެ މި އިއުލާނާއެކު ކެރްސަންގެ 420 ކިލޯމީޓަރު ދުރުގައި އޮންނަ މެރިއުޕޮލް ސިޓީގެ ކައުންސިލުން ވަނީ އެ ސަރަހައްދު އަދިވެސް އޮތީ ޔޫކްރެއިން ސަރުކާރުގެ ކޮންޓްރޯލްގައި ކަމަށް ބުނެފަ އެވެ.