ބޮލީވުޑް ސުޕަ ސްޓާރު ސަލްމާން ޚާން އަދި މަޝްހޫރު ބަތަލާ ކެތުރީނާ ކައިފް ކުޅެފައިވާ ފިލްމު ޓައިގާ-3 ރިލީޒްކުރާ ތާރީހު އާންމުކޮށްފި އެވެ.

ފިލްމް ޓައިގާގެ ޝޫޓިންތައް މިދިޔަ އަހަރުގެ އޮގަސްޓު 18 ވަނަ ދުވަހު ރަޝިޔާގައި ފަށާފައިވާއިރު، ފިލްމުގެ މަސައްކަތް ނިމި އާންމުންނާއި ހަމައަށް ގެނެސްދޭން ފަށާނީ އަންނަ އަހަރުގެ އޭޕްރިލް 21 ގައިކަމަށް ޔަޝްރާޖް ފިލްމްސްއިން ވަނީ ބުނެފަ އެވެ.

މި ފިލްމުގައި އިންޑިއާއިން ބޭރުގައި ނަގާ މަންޒަރުތައް ނެގުމަށް 45 ދުވަސް ހޭދަވާއިރު ފަސް ގައުމެއްގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. މިގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ އަދި ތުރުކީ ހިމެނެ އެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ދަނޑިވަޅުގައި ފިލްމުގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ އޭނާގެ ޓީމު ގޮވައިގެން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ޖަމްބޯ ޗާޓަރު ފްލައިޓެއްގަ އެވެ.

މިމަހު ޝޫޓިން ފަށާ "ޓައިގާ 3"ގައި ފެނިގެންދާނީ ސަލަމާން އާއި ކެތްރީނާގެ އިތުރުން އިމްރާން ހާޝްމީ އެވެ. އިމްރާން ފެނިގެންދަނީ ނުބައި ބައި ރޯލަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ޓައިގާ 3"އަކީ 2012 ވަނަ އަހަރު ނުކުތް "އެކް ތަ ޓައިގާ"ގެ ސީކުއެންސްގެ ފިލްމެކެވެ. މި ފިލްމުގެ ދެވަނަ ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. މި ސީކުއެންސުން ނެރުނު ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.