ވޮޝިންޓަން (05 މާޗް) - ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް ކަމަށްވާ ޔުޒްނޮކްރެއިންސްކް ޕަވާ ޕްލާންޓާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ވިދާޅުވީ ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓާ 20 މޭލަށް ކައިރި ވެފައިވާ ކަމަށެވެ.

"ޔޫކްރެއިންގެ ރައްޔިތުންނާ ދެކޮޅަށް ޕުޓިން ހިންގަމުން އަންނަ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭ،" ލިންޑާ ވިދާޅުވެފައިވެ އެވެ.

ލިންޑާ އިތުރަށް ވިދާޅުވީ ރަޝިއާގެ ބާރުތަކުން އިތުރު ނިއުކްލިއާ ބާރުތައް ހިފުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އިއްޔެގެ ހާދިސާއިން ވެސް ބޮޑު ކާރިސާއަކަށް މަގުފަހި ނުވީ ކިރިޔާ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވީ އިއްޔެގެ ވަގުތެއްގައި ޔޫކްރެއިނުގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓްގައި ރޯވެ ރަޝިއާގެ އަސްކަރިއްޔާއިން އެތަން ހިފުމާއެކު ނިއުކްލިއާ ރޭޑިއޭޝަން ލީކުވެދާނެ ކަމުގެ ބިރު އޮތް އޮތުމަށެވެ.

ނަމަވެސް އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓްއިން ވަނީ އެ ޕްލާންޓް ކައިރީގައި ރޭޑިއޭޝަންގެ މިންވަރު މަތިވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށާއި ރައްކާތެރި ކަމާއެކު ޕްލާންޓް ނިއްވާލާފައިވާ ކަމަށް ބުނެފަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮދިމީރު ޒެލެެންސްކީ ވަނީ ރަޝިއާއަކީ މުޅި ދުނިޔެއަށް ހުރި ނިއުކްލިއާ ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. -- އަލް އަރަބިއްޔާ