ކުޑަ ކުއްޖަކު ރަހީނު ކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ބިދޭސީ މީހާ ވަނީ ބާރަ އަހަރުގެ ކުޑަ ކުއްޖެއް ރަހީނުކުރަން މަސައްކަތް ކޮށްފައި ކަމަށްވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެކެވެ.

އޭނާ ހައްޔަރުކުރީ އުމުރުން 12 އަހަރުގެ ކުޑަ ކުއްޖެއްގެ އަތުގައި ހިފައި، ގެންދިޔަ މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ ޝޯޝަލްމީޑިއާގައިވެސް ފެންމަތިވެފައިވާއިރު، ޓުވިޓާގައި ކުރި ޕޯސްޓެއްގައި ކުޑަކުއްޖާ ގޭތެރެއަށް ވަންނަނިކޮށް ތުހުމަތު ކުރެވޭ މީހާ އެކުއްޖާގެ އަތުގައި ހިފައި، ގެއިން ނެރެ، ގެންދާ މަންޒަރު ފެނިގެންދެ އެވެ.

އެ ޕޯސްޓުގައި، ކުޑަ ކުއްޖާ ގެންދާ މަންޒަރު ފެނުމާއި އެކު، ހަޅޭއްލަވައިގެން އެކަން ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރިކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ބިދޭސީ މީހާ ކުއްޖާގެ އަތުން ދޫކޮށްލީ، ވަރަށް ބާރަށް ހަޅޭއްލަވައިގަތުމުން ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

މި މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.