މޮސްކޯ (15 މާޗް) - މިހާރު ކުރިއަށްދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކުރާ ރަޝިއާގެ ރައްޔިތުން އެ ގައުމުގެ ދައުލަތުގެ ޓީވީއިން ކުރިއަށް ގެންދިޔަ ޚަބަރު ޕްރޮގްރާމަކަށް ހުރަސް އަޅައިފި އެވެ.

އެގޮތުން މުޒާހަރާގެ އަންހެން ބައިވެރިޔަކު ވަނީ ޚަބަރު ޕްރޮގްރާމްގެ އޮން އެއާ ކުރިއަށް ގެންދަނިކޮށް ސްޓޫޑިއޯ ތެރެއަށް ވަދެ ހަނގުރާމައާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑެއް ކެމެރާއަށް ދައްކާފަ އެވެ.

ރަޝިއާ ބަހުން ލިޔެފައިވާ އެ ބޯޑުގައި ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ރަޝިއާ ސަރުކާރުގެ ޕްރޮޕެގެންޑާ ގަބޫލު ނުކުރުމަށް ބުނެފައިވެ އެވެ.

"އެމީހުން އެ ހަދަނީ ހުސް ދޮގު،" ބޯޑުގައި ލިޔެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ދައުލަތުގެ މީޑިއާއަށް ހުރަސް އަޅާފައި މިވަނީ ރަޝިއާ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާފައިވާތީ ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.

ހަނގުރާމައިގެ ދޮގު ހަބަރުތައް ފަތުރާ ކަމަށް ބުނެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ ރަޝިއާގައި ހިންގާ މިނިވަން މީޑިއާތައް ހުއްޓުވާފަ އެވެ. ހަމައެއާއެކު ހަނގުރާމައިގެ ހަބަރުތައް ދައުރުވާ ސޯޝަލް މީޑިއާތައް ވެސް އެ ގައުމުގައި ވަނީ މަނާ ކޮށްފަ އެވެ.

އެހެން ކަމުން ރަޝިއާ ރައްޔިތުންނަށް ހަނގުރާމައިގެ ހަބަރު ލިބޭނެ ހަމައެކަނި ގޮތަކީ ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ. އެހެން ނަމަވެސް އެ މީޑިއާއިން ފަތުރަނީ ރައީސް ޕުޓިންގެ ޕްރޮޕެގެންޑާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. – އަލް އަރަބިއްޔާ