ކީވް (19 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ޔޫކްރެއިންގެ ހުޅަނގުގެ ރަށެއް ކަމަށްވާ ލިވީވްއަށް އަރައި ހަމަލާ ބަދަލު ކުރުންތައް ފަށައިފި އެވެ. އެކި ސަބަބުތަކަށްޓަކައި މި ސަރަހައްދަކީ ޔޫކްރެއިންއަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ވަރަށް މުހިއްމު ސަރަހައްދެކެވެ.

ޖިއޮގްރަފީ

ޖިއޮގްރަފީ ގޮތުން ލިވީވް އޮންނަނީ ޕޮލެންޑްގެ ބޯޑަރާ އެންމެ 70 ކިލޯމީޓަރު ދުރުގަ އެވެ. ޕޮލެންޑަކީ ނޭޓޯގެ މެމްބަރު ގައުމަކަށްވުމާއެކު އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކަށް ނޭޓޯއިން ވަދެގަތުމުގެ ފުރުސަތު ބޮޑު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ރެފިއުޖީންގެ ޖަގަހައެއް

ހަނގުރާމަ ފެށުމާއެކު ލިވީވް ވެފައި ވަނީ ޔޫކްރެއިންގެ އެހެން ސަރަހައްދު ތަކުން މަގުމަތިވެފައިވާ ރައްޔިތުން ބޯހިޔާވަހިކަން ހޯދާ ޖަގަހައެއްގެ ގޮތުގަ އެވެ. ތަފާސް ހިސާބުތަކުން ހާމަކުރާ ގޮތުގައި މިހާތަނަށް ލިވީވްއަށް 200،000 އަށްވުރެ ގިނަ ރެފިއުޖީން އައިސްފައިވެ އެވެ.

ސަގާފަތް

ލިވީވްގެ ހިސްޓޮރިކް ސެންޓަރަކީ ޔުނެސްކޯ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އެ ސަރަހައްދުގައި ހުންނަ ގައުމީ ދާރުލްއާސާރަކީ ޔޫކްރެއިންގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ގިނަ ލިޔެކިޔުންތަކާއި ތަކެތި ރައްކާ ކުރެވިފައިވާ ތަނެކެވެ.

އަސްކަރީ މަގެއް

ލިވީވްއަކީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ރާސްތާ އެކެވެ. މި މަގުން ހަތިޔާރު ފޯރުކޮށްދިނުމުގެ ސަބަބުން ރަޝިއާގެ ގިނަ ރޭވުންތަކެއް މިހާތަނަށް ވެސް ނާކާމިޔާބު ވެފައިވެ އެވެ.

ވަގުތީ މަރުކަޒެއް

ވެރިރަށް ކީވްއަށް އޮތް ނުރައްކާ ބޮޑުވުމާއެކު ގިނަ މީޑިއާތަކަކުންނާއި ބޭރު ގައުމުތަކުގެ އެމްބަސީ ތަކަކުން ވަނީ އެތަންތަނުގެ އޮޕަރޭޝަން ވަގުތީ ގޮތުން ލިވީވްއަށް ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި ޗައިނާގެ އެމްބަސީ ވެސް ހިމެނެ އެވެ.