މެރިއުޕޯލް (20 މާޗް) - ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ މެރިއުޕޯލްގެ ރައްޔިތުން އެ ގައުމު ދޫކޮށް ރަޝިއާއަށް ދާން ރަޝިއާގެ އަސްކަރިއްޔާއިން މަޖުބޫރު ކުރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މެރިއުޕޯލްގެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ރަޝިއާގެ ސިފައިން ދަނީ އެ ސަރަހައްދުގެ އާއްމުން އެމީހުންގެ ރުހުމާ ނުލާ ރަޝިއާއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އާއްމުންގެ ފޯނުތަކާއި އެހެން މިލްކިއްޔާތުތައް ގަދަކަމުން ބަލައި ފާސްކޮށް ރަޝިއާގެ އާބާދީ ކުޑަ ސަރަހައްދުތަކަށް ފޮނުވަމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މެރިއުޕޯލްގެ މޭޔަރު ވަދީމް ބޮއިޗެންކޯ ވަނީ ރަޝިއާގެ މި އަމަލުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ގަދަކަމުން މީހުން ހައްޔަރު ކުރުން ފަދަ ކަމެއް ކަމަށް ބުނެފަ އެވެ.

މެރިއުޕޯލްގައި މެދުކެނޑުމެއް ނެތި ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާއިރު ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެ ހަށިތައް މަގުތައް މަތީގައި ގިނަވަމުން ދާކަމަށް ރިޕޯޓުތައް ހާމަ ކުރެ އެވެ.

އެ ސަރަހައްދު ދޫކޮށް އާއްމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރަޝިއާގެ ސިފައިން ދަނީ ހަނގުރާމައަށް ފިލަން މަސައްކަތްކުރާ އާއްމުންނަށް ހުރަސް އަޅަމުންނެވެ.

މެރިއުޕޯލްގެ ހާލަތު ގޯސްވަމުން ގޮސް އެސަރަހައްދުން ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭއިރު ކާބޯތަކެތި ލިބުމުގައި ވެސް ގިނަ ދަތިތަކެއް އެބަހުރި ކަމަށް އާއްމުން ބުނެ އެވެ. – ސީއެންއެން