އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މި ފަހަކަށް އައިސް ދަނީ ބޮލީވުޑާއި ގުޅުން ހުރި ޑްރަގް މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް ސުވާލުކުރުމަށް ހާޒިރުކޮށް ބައެއް ތަރިން ހައްޔަރުކޮށްފައި ވެސް ވެ އެވެ.

އެންމެ ފަހުން ފިރޯޒް ނާޑިއަޑްވާލާގެ ގެ ބަލާ ފާސްކުރުމަށްފަހު މުމްބާއީގައި ހުންނަ އެކްޓަރު އަރްޖުން ރާމްޕަލްގެ ގެ ވެސް ވަނީ ރެއިޑްކޮށްފަ އެވެ. ލޯބިވެރިޔާ ގެބްރީލާ ވެސް ދިރިއުޅޭ މި ގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދާފަ އެވެ. އެހެން ނަމަވެސް އެއީ ކޮންތާކުން އައި މަސްތުވާތަކެއްޗެއް ކަން ނޭނގޭ ކަމަށާއި އަރްޖުން އަކީ ދުވަހަކު ވެސް ޑްރަގްސް ނެގި މީހެއް ނޫން ކަމަށް ގެބްރީލާ ވާނީ ބުނެފަ އެވެ.

ފުލުހުން ވަނީ އަރްޖުން އާއި އޭނާގެ ލޯބިވެރިޔާގެ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މިމައްސަލާގައި ގެބްރީލާގެ ބޭބެ އަގިސިއަލޮސް ވަނީ އެންސީބީއިން ހައްޔަރުކޮށްފަ އެވެ. އަދި މީގެ އިތުރުން އަރްޖުންއާއި ގުޅުން ހުރި ކަމަށް ބުނާ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޕޯލް ބާޓޭލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.