ވޮޝިންޓަން (09 އޭޕްރީލް)- އީރާނުގެ ރިވޮލޫޝަނަރީ ގާޑްސް ފޯސް (ގުދުސް ފޯސް)އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ގަބޫލު ކުރައްވާ ކަމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެ ޑިޕާޓްމަންޓުން މިހެން ބުނެފައި މިވަނީ އެމެރިކާ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް މާކް މިލޭ އެ ޖަމާއަތް އެމެރިކާގެ ޓެރަރިސްޓް ބްލެކް ލިސްޓުން ނެގުމަށް ދެކޮޅު ހަދައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

"މިކަމުގައި ބައިޑަންއާއި ޖެނެރަލްގެ ޚިޔާލުފުޅު އެއްގޮތް ކަމުގައި ބުނެވިދާނެ،" ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖެލީނާ ޕޯޓާ ވިދާޅުވި އެވެ.

އީރާނުން އަންނަނީ އާ ނިއުކްލިއާ އެއްބަސްވުމުގެ ޝަރުތެއްގެ ގޮތުން ގުދުސް ފޯސް އެގައުމުގެ ބްލެކް ލިސްޓުން ނެގުމަށް ޑިމާންޑް ކުރަމުންނެވެ.

މީގެ ދެ އަހަރު ކުރިން ގުދުސް ފޯސްގެ ވެރިޔާ ގާސިމް ސުލައިމާނީ އިރާގުގައި އަވަހާރަކޮށްލެވުމާ ގުޅިގެން އެމެރިކާއާއި އީރާނުގެ މެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ.

ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ވެސް ޖެލީނާ ވަނީ ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ