ރޯދަމަހަކީ އަހަރުމެންގެ ކެއިންބުއިމަށް ގިނަ ބަދަލުތަކެއް އަންނަ މަހެކެވެ. މި ކަމުގެ ސަބަބުން ވައިގެ އުނދަގޫތައް އިތުރުވެ އާއްމު ސިއްހަތު ގޯސްވާ ފަހަރު އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ރޯދައަށް ހުންނައިރު ވައިގެ އުނދަގޫތައް ވާނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.
މާ ގިނައިން ނުކެއުން
ރޯދަމަހު ކުރިމަތިވާ ވައިގެ އުނދަގޫތަކުން ސަލާމަތް ވުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ އެއްފަހަރާ އެހާ ގިނައިން ނުކެއުމެވެ. ދުވާލު ނުކައި ހުުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެވޭ ފަހަރު އާދެ އެވެ. އޭގެ ބަދަލުގައި ތިންއިރަށް ބަހާލައިގެން ކެއުން ރަނގަޅުވާނެ އެވެ.
ލަސްލަހުން ކެއުން
ހައިބަނޑާ ހުރުމަށްފަހު ރޯދަ ވީއްލާއިރު ކާ ހަލުވި މިނަކީ ވެސް ވައިގެ އުނދަގޫތައް ކުރިމަތިވާން މެދުވެރިވާ ކަމެކެވެ. މާ އަވަސް އަރުވާލައިގެން ކެއުމުގެ ބަދަލުގައި ލަސްލަހުން ކެއުމުން ކާނާ ހަޖަމު ވުމަށް ފުރުސަތު ލިބި ވައިގެ އުނދަގޫ ދުރު ކޮށްދެ އެވެ.
ތެލުލި ކާނާއާއި ކުޅި ކާނާ މަދުކުރުން
ރޯދަވީއްލާ ގަޑީގައި ތެލުލި ކާނާއާއި މޭ އަންދާ ފަދަ ކުޅި ކެއުންތައް ކެއުމަކީ ވައިގެ އުނދަގޫ އިތުރުވާ ކަމެކެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކެއުންތަކުން ރޯދަވީއްލަން އާދަ ކުރާށެވެ.
ކެއުމަށްފަހު ހިނގާލުން
ރޯދަވީއްލުމަށްފަހު އެއްތަނެއްގައި އިށީންދެގެން އިނުމުގެ ބަދަލުގައި ކުޑަކޮށް ހިނގާލާށެވެ. ހިނގާފައި މިސްކިތަށް ގޮސް ޖަމާއަތުގައި މަޣްރިބް ނަމާދު ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.