ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކުންފުނީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމައިފި އެވެ.

އެޗްޑީސީން ބޭއްވި ބޯޑުގެ ބައްދަލުވުމެއްގައި އެކުންފުނިން ސްޓާފްް ހައުސިން ސްކީމް ފާސްކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެނިންމުމުގެ ދަށުން ޝަރުތު ހަމަވާ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެގޮތުން އެޗްޑީސީން ދޫކުރާ ހައުސިން ޔުނިޓްގެ ތެރޭގައި ބޭންކް ލޯނުގެ ދަށުން ދޫކުރާ 220 ޔުނިޓަކާއި އިންސްޓޯލްމެންޓް އުސޫލުން ދައްކާ 409 ޔުނިޓް ހިމެނެ އެވެ.

އެޗްޑީސީން ވަނީ އެކުންފުނީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާ މުވައްފަޒުންގެ ހުންނަންވާ ޝަރުތުތަކާއި ޕޮއިންޓްތައް އެކުންފުނީގެ އިންޓާނަލް މެމޯއެއްގައި އާންމުކޮށްފަ އެވެ. އަދި އެކަން އިތުރަށް ތަފްސީލުކުރުމަށް ހާއްސަ ސެޝަންތަކެއް ބާއްވާނެ ކަމަށާއި، ސެޝަންތައް ނިމުމުން ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ހައުސިން ޔުނިޓަށް ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެކުންފުނީގެ މުވައްޒަފުންނަށް ދޭ ހައުސިން ޔުނިޓްތައް ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ އެއް ކޮޓަރިއާއި އެއް ފާހަނަ ހުންނަ ޔުނިޓްއިން ފަށައިގެން ހަތަރު ކޮޓަރިއާއި ހަތަރު ފާހަނާ ހުންނަ ޔުނިޓްތަކެވެ. އެގޮތުން އެންމެ ކުދި ސައިޒްގެ ޔުނިޓްތަކުގައި 525 ފޫޓު ހުރެ އެވެ. އަދި އެންމެ ބޮޑެތު ޔުނިޓްތަކުގައި 1،169 ފޫޓު ހުރެ އެވެ.

އެޗްޑީސީން އެ ޔުނިޓްތައް އަޅަން ނިންމާފައިވަނީ ޖުމްލަ ތިން ޓަވަރެއްގަ އެވެ. އަދި ހައުސިން ޔުނިޓްތައް ދޫކުރާއިރު ޔުނިޓްތައް ދޭނީ މުވައްޒަފުންގެ މާޒީ ގާބިލިއްޔަތު ވަޒަން ކުރުމަށް ފަހު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ މުވައްޒަފުން އެކުންފުނީގައި ހިދުމަތް ކުރި މުއްދަތާއި، މަސައްކަތުގެ ފެންވަރުގެ އިތުރުން ގޯތި ގެދޮރުގެ ހާލަތާއި ސިއްހީ ހާލަތްތައް އަދި ނުކުޅެދުންތެރިކަމަށް އިތުރު ޕޮއިންޓްސް ދޭނެ ކަމަށެވެ.