ސެލީނާ ގޮމޭޒްގެ ނަން ބުނުމުން އެއީ ކާކުކަން ނުދަންނާނެ މީހަކު ވަރަށް މަދުވާނެ އެވެ. ސެލީނާ އަކީ އޭނާގެ ލަވަކިޔުމާއި ރީތިކަމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ހަމައެހެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ ފަންނާނުންނަކީ އެންމެ ގިނައިން އާންމުންގެ ފާޑުކިޔުމާއި ހަނގާކުރުން ތަކުގެ ޝިކާރައަކަށްވާ ބައެކެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއިން ވެސް އެންމެ ރީތި އަންހެނުންގެ ލިސްޓުގައި ހިމެނިފައިވާ ސެލީނާ ގޮމޭޒް ހިމެނެ އެވެ.

ދާދި ފަހުން ސެލީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ކެމީލާ ކެބޭލޯ ކިޔާފައިވާ ލަވައެއް ކަމުގައިވާ "ބަމްބަމް" އަށް ނަށާ މަންޒަރު ފޭނުންނާ ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯގައި ސެލީނާ ފެނިގެންދަނީ ގޭގައި ލާ އުޅޭ ހެދުން ލައިގެން އެލަވައަށް ހިނިތުންވުމަކާއެކު ނަށާ މަންޒަރެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ އެ ލަވައިގައި ސެލީނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ފާހަގަކޮށް އެކަމަށް ފާޑުކިޔާފަ އެވެ. އެކަމަށް ސެލީނާ ރައްދު ދިނީ އާންމުން އޭނާއާ މެދުގައި ހީނުކުރާ ގޮތަކަށެވެ.

އެގޮތުން އޭނާގެ ހަށިގަނޑާއި ގުޅޭގޮތުން މީހުންގެ ހިޔާލު އޭނާ ނުނަގާކަމަށް ސެލީނާ ވަނީ ބުނެފަ އެވެ. އަދި އޭނާއަށް އޭނާގެ ހަށިގަނޑު ހުންނަ ގޮތް ރީތިކަމަށާއި، މީހަކަށް ނުވަތަ ބައެއްގެ ހިޔާލުގެ ސަބަބުން އެކަން ބަދަލު ނުކުރާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ސެލީނާ އިތުރަށް ބުނީ އޭނާ ހިއްކަސް، ފަލަޔަސް ނުވަތަ ފިޓްކޮށް ހުއްޓަސް އާންމުންނަކީ އަބަދުވެސް ކޮންމެ ކަމަކުންވެސް ކުށެއް ހޯދާނެ ބައެއް ކަމަށެވެ.

އެހެންކަމުން ހަށިގަނޑު ހުންނަ ގޮތާއި މެދު ބަޔަކު ހަނގާކުރިޔަސް އެކަމާއި ހާސްނުވާ ކަމަށް ސެލީނާ ބުނެފައިވެ އެވެ.