މި ހިނގާ ރޯދަ މަހު ދުވާލުގެ ވަގުތު އެކި މީހުން ހޭދަ ކުރަނީ އެކި ކަންކަމުގަ އެވެ. އަޅުކަމަށްފަހު ލިބޭ ހުސް ވަގުތު ތަކުގައި ރޯދަ ކުރު ކުރުމަކީ ދިވެހިންގެ އަބަދުގެ ވެސް ސަގާފަތެކެވެ. މި ލިޔުމުގައި މި ބަލާލަނީ ގޭގައި ތިބެގެން ރޯދަ ކުރު ކުރެވޭނެ ބައެއް ކަންކަމަށެވެ

ކުޅިވަރު މުބާރާތެއް ބޭއްވުން

ރޯދަ ކުރުކުރަން ތާސް ކުޅުމާއި ކެރަމް ފަދަ ކުޅިވަރުތައް ކުޅުމަކީ ޒަމާނުއްސުރެ ދިވެހިން ކުރާ ކަމެކެވެ. މިފަހަރު ތަފާތު ކޮށްލުމުގެ ގޮތުން އާއިލާގެ މެމްބަރުންގެ މެދުގައި މުބާރާތެއް ބޭއްވުން ކިހިނެއްވާނެ ހެއްޔެވެ؟ މިކަމުން އާއިލީ ގުޅުން ބަދަހިވެ މަޖާ ވަގުތުކޮޅެއް ހޭދަ ކުރެވޭނެ އެވެ. މާބޮޑު އިނާމެއް ހުށަނޭޅިއަސް ވެދާނެ އެވެ.

އާ ހުނަރެއް ދަސްކުރުން

ރޯދަ ކުރު ކުރަން އެއްވެސް ކަމެއް ނެތި ތިބޭ ވަގުތު ތަކުގައި އާ ހުނަރެއް ދަސްކޮށްލުން ރަނގަޅުވާނެ އެެވެ. އެގޮތުން އާ ބަހެއް ދަސްކުރުން ނުވަތަ އާޓްސް، ލިޔުންތެރިކަން ފަދަ ފަންނުތަކަށް ފަރިތަ ކުރެވިދާނެ އެވެ.

ފޮތް ކިޔުން

ރޯދަމަހަކީ ހަމަހިމޭން ކަމާއެކު ފޮތެއް ކިޔާލަން ލިބޭ ފުރުސަތެކެވެ. އެކި މައުޟޫތަކުން ތިބާގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަން މަސައްކަތް ކުރާށެވެ.