ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރުސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މި ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 500,000.00 ރުފިޔާއަށް އަރަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންގެ އިދާރާއާ ވަނީ ހަވާލުކޮށްފަ އެވެ.