ވައިގެ މަގުން އައި ފަތުރުވެރިއެއްގެ އަތުން 4.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން އައި ފަސިންޖަރެއްގެ ފޮށިތައްބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine – 4,226 grams)އަށް ވަނީ ޕޮޒިޓިވް ވެފައިކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.