އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން، ސްކޫލް ކުދިންގެ ފީތައް ބޮޑުކޮށްފި އެވެ.

މާލޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ އެއް ޕްރައިވެޓް ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ސްލިޕެއްގައި ބުނެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާފައިވާތީ އެ ސްކޫލުގެ ޓީޗަރުންގެ ވެސް މުސާރަ ބޮޑުކޮށްދިނުމުގެ ގޮތުން ސްކޫލް ފީ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސްކޫލް ފީ ބޮޑުކުރަން ހަމަޖެހިފައި ވަނީ ދިރާސީ އަހަރު ފެށޭއިރު އޮގަސްޓް 1ން ފެށިގެން ކަމަށް ވެސް އެ ސްކޫލުން ބުނެފައިވެ އެވެ.

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންގެ ފީ ބޮޑުވި މިންވަރުގެ ތަފުސީލް:

  1. ނާސަރީ ބޭބީ ނާސަރީގެ ފީ 700ރ. އިން 15،00ރ. އަށް.
  2. ސްކޫލް އެޑްމިޝަން ފީ 1،700ރ. އިން 2،000ރ. އަށް
  3. ގްރޭޑް 1 ން 5ގެ ފީ 1،475ރ. އިން 2،300ރ. އަށް
  4. ގްރޭޑް 6 އަދި 7ގެ ފީ 1،650ރ. އިން ،2،500 އަށް
  5. ގްރޭޑް 8 ން 9ގެ ފީ 1،675ރ. އިން 2،600ރ. އަށް
  6. ގްރޭޑް 10ގެ ފީ 1،700ރ. އިން 2،750ރ. އަށް
  7. 11 ،12ގެ ކުދިންގެ ތެރެއިން ސަރުކާރުން ޕޭ ކުދިންނާއި އެޓެންޑެންސްގެ 80 ޕަސެންޓް ހަމަނުވާ ކުދިންގެ ފީ 1،800ރ. އިން 2،750ރ. އަށް

އެ ސްކޫލުން ބުނީ ކުދިންގެ ފީތައް ބޮޑުކުރިކަން މިހާރު ބެލެނިވެރިންނަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ސްކޫލުން ފީ ބޮޑުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

މާލޭގެ އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލުގެ ގޮތުގައި ހިމެނޭ އަހުމަދިއްޔާ އިންޓަނޭޝަން ސްކޫލުގައި މިހާރު 2،800 ކިޔަވަމުން ގެންދެ އެވެ. އަދި މިފަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރާއިރު، އެ ސްކޫލުގެ ޓީޗަރުން ހިމެނޭ ގޮތަށް 237 މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ނިންމާފައިވެ އެވެ.

އެ ސްކޫލްގެ ފީތައް ބޮޑުކުރުމާ ގުޅިގެން ބައެއް ބެލެނިވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސަރުކާރުން ބިން އަދި ސަބްސިޑީ ދީގެން ހިންގާ ސްކޫލަކުން މިހާ ބޮޑު އަދަދެއް ކުދިންގެ އަތުން ފީގެ ގޮތުގައި ނެގުމަކީ ބޮޑު މައްސަލައެއް. އެ ސްކޫލް ހިންގަން ސަރުކާރުން ދީފައި ވަނީ ވިޔަފާރި އުސޫލުން ބަޔަކަށް ވިޔަފާރިކުރަންތޯ މިހާރު ސުވާލު އެބަ އުފެދޭ،" އެ ސްކޫލްގެ ފީ ބޮޑުކުރުމާ ގުޅިގެން ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނީ ސްކޫލް ކުދިންގެ އަތުން ފީ އިންތިހާއަށް ބޮޑުވުމަކީ ބެލެނިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވިސްނަން ޖެހޭނެ ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ މާލޭގައި ހިންގާ ޕްރައިވެޓް ސްކޫލްތަކުގެ ތެރެއިން އެންމެ ކުޑަ ފީ ނަގާ ސްކޫލެވެ. އަދި އެ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރޭގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެ އެވެ.