ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން 22 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވީ ނަމަވެސް މިހާތަނަށް މަޖިލީހަށް ލިބިފައިވަނީ އެންމެ ދެ ބިލެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ މިއަދުވެސް މަޖިލީހުގެ ޖަލްސާ ދޮޅުގަނޑިއެއްހާ އިރަށްފަހު ނިންމާލުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލް އެކަނި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރެއިން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އަދި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް ހާއްސަ ހަތަރު ބިލް ކަމަށެވެ.

"މިދައުރުގައި މަޖިލީހަށް ގެނެވިދާނެ ކަމަށް އަޅުގަނޑު މިދެކެނީ ޖުޑިޝަރީއާ ގުޅޭ ބިލްތައް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުނުފަހުން ތަޅުމުގައި ކުރާނެ މާބޮޑު މަސައްކަތެއް ނޯވެ އެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ޖަލްސާވެސް 10:30ގެ ކުރިން ނިންމާލަން ޖެހެ އެވެ. ނަމަވެސް މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދެ އެވެ.