ހުޅުމާލޭގެ އެކި ސަރަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ކުރާ ކަމަށް ބުނެފި އެވެ.

އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ މިއީ ހުޅުމާލޭގެ ސާފުތާހިރު ކަމަށާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މި މަސައްކަތް 3 ފިޔަވައްސަކަށް ބަހާލައިގެން ކުރަމުން ގެންދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެކޯޕޮރޭޝަނުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 345 ޑަސްބިނެއް ބެހެއްޓުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި 41 ޑަސްބިނެއް ބަހައްޓަން ހަމަޖެހިފައިވާކަމަށާއި، ދެވަނަ ފިޔަވަހީގައި 108 ޑަސްބިނެއް އަދި ތިންވަނަ ފިޔަވަހީގައި 196 ޑަސްބިން ބަހައްޓަން ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ ޑަސްބިންތައް ފަރުމާކޮށްފައިވަނީ ރީސައިކަލް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ ޑަސްބިންތަކަށް ކުނިތައް ވަކިން އެޅޭނެ ގޮތަކަށް ފަރުމާކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.