ގޭންގުތައް ހުއްޓުވުމަކީ ފުލުހުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ މައްސަލަ އަކީ މަސްތުވާތަކެއްޗާއި ގޭންގުގެ މައްސަލަ ކަމަށެވެ.

އެ ކޮންފަރެންސްގައި ފުލުހުން އިއްޔެ ދައްކައިދިނީ އެ ދެ މައްސަލަ ރާއްޖޭގައި ފެތުރެމުންދާ މިންވަރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މިންވަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ހުއްޓުވުމަށް ކުރަމުން އަންނަ ކަންކަން އިއްޔެ ހާމަނުކުރިޔަސް ޓާސްކް ފޯސްރައް އެކުލަވާލައި އެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

އެ ޓާސްކް ފޯސްތަކުގެ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިކަމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭން. ރަށްރަށުގައި ހިނގާ މިފަދަ ކަންތައްތައް ހައްލުކުރަން ތި ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަންދޭން،" ރައީސް ވިދާޅުވި އެވެ.

ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވަމުން އަންނައިރު އެގޭންގުތަކުގައި 2،600 މީހުން އުޅެމުންދާކަން ފާހަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ގޭންގެއް ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މާލެ އާއި ދެކުނުގެ އަތޮޅުތަކުގައި ގިނަ ގޭންގުތަކެއް ހަރަކާތްތެރިވާއިރު އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ ވެސް މިގޭންގުތަކުން ކަމަށެވެ.

މެދުރާއްޖެ އަދި އުތުރުގައި ގޭންގުތައް ހަރަކާތްތެރިވާކަން ފާހަގައެއް ނުވެ އެވެ. އެކަމަކު, ކުދި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކެއް ބައެއް އަތޮޅުތަކުން ފާހަގަވެފައިވާއިރު, އެއީ ކުރިއަށް އޮތް ތަނުގައި ބޮޑެތި ގޭންގުތަކަށް ވެދާނެ ގްރޫޕުތަކެއްކަން ކަމަށް ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ވަނީ ބުނެފަ އެވެ.

މެދުރާއްޖެ ތެރޭ ރަށްރަކުގައި ގޭންގުތައް ނެތް ނަމަވެސް, މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުން ގޭންގުތަކުގެ އިސް ސަފުގައި އުޅެ އެވެ. ފުލުހުން އާންމުކުރި ގޮތުގައި މެދުރާއްޖެއަށް ނިސްބަތްވާ 197 މީހަކު ގޭންގުތަކުގައި އުޅޭއިރު, ހަ މީހަކު އިސް ސަފުގައި އުޅެ އެވެ. ތިން ކުޑަކުދިން ވެސް އުޅޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ފުލުހުން ބުނިގޮތުގައި ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދިނުމެވެ.