ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލްކުރުމަށް ފަހު އިސް ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ވަކި ފަރާތަކަށް ހޯދައި ދިނުމަށް ރައީސް ޔާމީން ރިޝްވަތު ގަބޫލުކޮށް އަދި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވެ އެވެ.

މިއަދު 1:00 ގައި ކުރިއަށް ގެންދަން ތާވަލް ކުރި ޝަރީއަތް ކެންސަލް ކުރިކަން ވަކީލުންނަށް މިހާރު ވަނީ އަންގާފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަނީ އިސް ގާޒީ އަހްމަދު ޝަކީލެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޔާމީންގެ ޝަރީއަތް ލައިވްކުރާށެވެ.

މިއަދަށް ތާވަލްކުރި ޝަރީއަތް ކެންސަލްކުރުމަށް ފަހު އަލުން ބާއްވާނެ ދުވަހެއް އަދި ނުބުނެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން އޮތީ ލައިވް ވެސް ކުރާ ގޮތަށެވެ. އާރަށުގެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ފެށިފަހުން ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީން ގެންދެވީ ޝަރީއަތް ލައިވް ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރިން ވިދާޅުވަމުން ގެންދެވީ ޝަރީއަތް ލައިވް ކުރެވޭނެ ފަދަ ވަސީލަތްތައް ކޯޓުގައި ނެތް ކަމަށެވެ.

މީގެ ކުރިން މީޑިއާތަކާއި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ފުރުސަތު ދީގެން ޔާމީންގެ މައްޗަށް އުފުލި އެހެން ދައުވާއެއްގެ ޝަރީއަތް ލައިވްކޮށްފައިވެއެވެ. މި ޝަރީއަތް ވެސް ލައިވްކޮށްދޭން ބައެއް މީޑިއާތަކުން އެދިފައިވެ އެވެ.