ކީވް (08 ޖޫން) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރަން އިޒުރޭލުގެ އަޔަން ޑޯމް ރޮކެޓް އިންޓަސެޕްޝަން ސިސްޓަމްއާއި އެންޓި ޓޭންކު މިސައިލްތަކެއް ގަންނަން ޔޫކްރެއިންއިން އެގައުމަށް ހުށައަޅައިފި އެވެ.

ޔޫކްރެއިންއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު ޔެވްގަން ކޮރްނިޗުކް ވިދާޅުވީ އިޒްރޭލުން އަނގަ ބަހުން ޔޫކްރެއިންއަށް ދެމުން އައި އެއްބާރުލުން އަމަލުން ދައްކަންވީ ވަގުތު ޖެހިއްޖެ ކަަމަށެވެ.

އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޔެވްގަން ވިދާޅުވީ އެމެރިކާއިން ދެކޮޅު ނުހަދާނަމަ ޔޫކްރެއިންއިން އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމް ގަންނަން ބޭނުންވާ ކަމަށެވެ.

އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމް ގެންގުޅުމާއި ބެލެހެއްޓުމުގެ ޚަރަދުތައް ފާއިތުވި ދިހަ އަހަރެއްހާ ދުވަހު އެމެރިކާއިން ކުރަމުން އަންނަ އިރު އެގައުމުން ވަނީ އެ ސިސްޓަމް ތަރައްގީ ކުރުމަށްޓަކައި އިޒުރޭލަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު ވެސް ދީފަ އެވެ.

ޔެވްނަކް އިތުރަށް ވިދާޅުވީ ފާއިތުވި ހަފްތާ ތެރޭގައި އިޒްރޭލުގެ ލައިސަންސާއެކު ހަދާފައިވާ އެންޓި ޓޭންކް މިސައިލްތަކެއް ޖަރުމަނުން ޔޫކްރެއިންއަށް ވިއްކަން އެދި ހުށައެޅި ހުށައެޅުމަށް ވެސް އިޒްރޭލުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމްއަކީ ކުރު ރާސްތާ މިސައިލްތައް ދެނެގަނެ އެ ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމް އެކެވެ.

އިޒްރޭލުން މިހާތަނަށް ޔޫކްރެއިން ހަނގުރާމައިގައި އެގައުމަށް ދީފައިވަނީ ހަމައެކަނި އިންސާނީ އެހީ އެވެ. -- އަލް އަރަބިއްޔާ