ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ކިޔާފައިވާ ލަވަ ރިލީޒްކޮށްފި އެވެ.

އިއްޔެ ޔޫޓިއުބު މެދުވެރިކޮށް ނެރެފައިވާ "ދިލް އުޅެޔާ" މި ލަވައަކީ ރެގޭ ޕޮޕް މިއުޒިކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިލަވަ ޝޫޓުކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި "ބީޗު ވައިބް" ފެންނަ ގޮތަށެވެ. މިލަވަ އެއްކޮށް ޝޫޓުކޮށްފައިވަނީ ކްރޮސްރޯޑްގައި އެވެ.

ލަވައިގެ މިއުޒިކް ހަދާފައިވަނީ ގަނޭޝް ސުރްވޭ އަދި ރާއްޖޭގެ މަޝްޙޫރު މިއުޒިކް ޕްރޮޑިއުސަރ ބާރޗީއެވެ. ހިންދީ، ޕަންޖާބު އަދި ދިވެހި ބަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ލަވަ ކޮމްޕޯސްކޮށްފައިވަނީވެސް ޝާން އެވެ.

މިލަވައަކީ ހިންދީ ލަވައެއް ނަމަވެސް، މިއުޒިކް ބޭންޑުގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހި ބޭންޑެކެވެ.

މި ލަވައިގައި ދިވެހި ބަހުން ޝާންއާއި އުނޫޝާގެ ރެޕް ބައެއް ހިމަނާފައިވެ އެވެ. މި ރެޕް ބައި ލިޔެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

https://www.youtube.com/watch?v=w4AdHHXIGXY

އުނޫޝާ މީގެ ކުރިންވެސް ވަނީ ބޮލީވުޑުގެ "ޖިސްމު 2" އަށްވެސް ލަވައެއް ކިޔާދީފަ އެވެ.