އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އާއި ސެމް އަސްގަރީ ކައިވެނިކޮށްފި އެވެ.

ބްރިޓްނީ އާއި ސޭމް ލޯބީގެ ގޮތުން ގުޅުނީ 2016 ގައި ދެ މީހުން އެކީގައި މަސައްކަތްކުރި ވީޑިއޯ ލަވައެއްގެ ސެޓުން ދިމާވުމަށް ފަހު އެވެ. އިރާނުގެ ތެހެރާނަށް އުފަން 27 އަހަރުގެ ސޭމް އަކީ ޕާސަނަލް ޓްރެއިނަރެއް އަދި އެކްޓަރެކެވެ.

މި ދެ ފަންނާނުގެ ކައިވެނީގެ ހަފްލާ މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވަނީ ލޮސް އެންޖަލްސްގެ ކެލިފޯނިއާގަ އެވެ. ކައިވެނީގެ ހަފްލާގައި އާއިލާގެ މެންބަރުން ބައިވެރިވެފައިނުވެ އެވެ.

ބްރިޓްނީގެ ކުރީގެ ފިރިމީހާ ޖޭސަން އެލެޒެންޑްރާ އެ ކައިވެނީގެ ހަފްލާއަށް ވަންނަން މަސައްކަތް ކުރި ކަމަށްވެ އެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

40 އަހަރުގެ ބްރިޓްނީ އާއި 28 އަހަރުގެ ސެމް އަސްގަރީ ކައިވެނިކޮށްފައިވާއިރު މިދިޔަ އޭޕްރީލު މަހު އެމީހުންނަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާނު ކުރި އެވެ. އެހެން ނަމަވެސް އޭގެ މާގިނަ ދުވަހެއް ނުވެ ބްރިޓްނީ ބައިގެންދިޔަ ކަން އެމީހުން އިއުލާނު ކުރި އެވެ.

ނަފްސާނީ މައްސަލަތަކަކާއި ގުޅިގެން ކޯޓުގެ އަމުރާ އެއްގޮތަށް ބްރިޓްނީ ފާއިތުވި 12 އަހަރު އުޅުނީ ސީދާ އޭނާގެ ބައްޕަ ބެލުމުގެ ދަށުގަ އެވެ. އެ ދުވަސްތަކުގައި ބްރިޓްނީގެ ހުރިހާ ހަރަދުތަކާއި ދިރުއުޅުމުގެ އަމިއްލަ ކަންކަންވެސް ހިނގަމުން ދިޔައީ ސީދާ ބައްޕަގެ ބެލުމުގެ ދަށުންނެވެ.

ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު ކޯޓުން ވަނީ ބްރިޓްނީ އޭނާގެ ބައްޕަގެ ސިދާ ބެލުމުގެ ދަށުން ހުރި ހުރުން ނިމުމަކަށް ގެނެސްފަ އެވެ.