އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕްދެކެ އަދިވެސް ލޯބިވާކަމަށް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑް ބުނެފި އެވެ.

ފާއިތުވި ދުވަސްތަކުގައި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނޭއިރު، ޖޯނީ ވަނީ އޭނާގެ ކުރީގެ އަންހެނުން އެމްބާއާ ދެކޮޅަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާ ކާމިޔާބު ކޮށްފަ އެވެ.

އެ މައްސަލައަކީ ޑެޕަކީ އަނިޔާވެރި އަދި ގެވެށި އަނިޔާކޮށްފައިވާ މީހެއް ކަމަށް ހާޑް ދައުވާކޮށްފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018 ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕްގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.

މި މައްސަލައިގައި މިހާތަނަށް އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ބޭޒާރުވެފައިވާއިރު، ގިނަ މީހުން ވަނީ ޖޯނީއާ އެއްކޮޅަށް އަޑު އުފުލާފަ އެވެ.

މައްސަލަ އަށްފަހު އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމްބާ ވަނީ އޭނާއާ ޖޯނީގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ކުރީގައިވެސް، އަދި މިހާރުވެސް ޖޯނީ ދެކެ ލޯބިވާ ކަމަށާއި، ދެމީހުންގެ ގުޅުން ރަނގަޅުކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރިކަމަށް އެމްބާ ބުނެފައިވެ އެވެ.

ނަމަވެސް އާންމުން މިހާރު ވަނީ އެމްބާ ކޯޓުގައި ދައްކާ ވާހަކަތަކަށާއި، ކޯޓުން ބޭރުގައި ދައްކާ ވާހަކަތަކަށް ވީޑިއޯ ކުޅެ، ޓިކްޓޮކް ވެސް ކުޅެން ފަށާފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކު ދަނީ ޖޯނީ އަށް މަރުހަބާ ކިޔައި، އޭނާއަށް ހަމްދަރުދީވަމުންނެވެ.