ބުނާ އެއްޗެއްގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވެއްޓުނަސް ކުރާނެ ކަމެއް ނެތް ކަމަށް، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާއި ދެކޮޅަށް އިކޮނޮމިކް މިިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުކުންނެވުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސްގެ ވަޓްސްއެޕް ގްރޫޕްގައި ހިނގި މި ބަހުސްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ޕީޕީއެމް އާއި ރައީސް ނަޝީދުގެ ވާހަކަފުޅުތަކުން އެއްބައިވެވޭ ކަމަށެވެ. ސަރުކާރާ ދެކޮޅު މީހުން ހަގީގަތެއް ނެތް ވާހަކަ ދައްކަމުން ގޮސް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް ހިތްވަރު ނުދިނުމަށް ފައްޔާޒް ވަނީ ގޮވާލައްވާފަ އެވެ.

"ހަގީގަތެއް ނެތް ވާހަކަ ދެއްކި ދެއްކީނުން ހަގީގަތަށް ހެދޭ ތޯ މަސައްކަތް ކުރޭ. މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް. ހިނގާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު އެހެން ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދު ވެސް އެފަދައިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މައުލޫމާތުތައް ފެންނަން ހުއްޓާ އިގްތިސާދީ ދޮގުތައް ހެދުމަކީ ޕީޕީއެމުން ވަރަށް ވަރުގަދަައަށް ރާވައިގެން ކުރާ ކަމެކެވެ. އަދި ގައުމީ މަޖިލީހަށް އިގްތިސާދާ ދަރަނީގެ ފުލް އިންފޮމޭޝަން ސެޝަނެއް ރާވާ ކަމަށާއި އޭރުން ވަރަށް ގިނަ ޝައްކުތައް ފިލައިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ ރާއްޖޭގެ އިގްތިސާދާއި އެހެން ކަންކަމަށް ބައްލަވާ އެމަނިކުފާނު ފާޑުވިދާޅުނުވެ ހުންނަވާފާނެ ކަމަށް ހީނުކުރެއްވުމަށް ވިދާޅުވެފައެވެ. އަދި ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓޭނީ ނަމަ ކުރާނެ ކަމެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރުން ވެއްޓުނީމަ ކުރާނެ ކަމެއް ނެތް. ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، މި ހާލަތު އައީ ދަރަނި ރީސްޓްރަކްޗާ ނުކޮށްގެން ނޫން ކަމަށާއި މި ހާލަތު އައީ ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިއުމުން ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ޕްރެސް ކޮންފަރެންސެއް ބާއްވާ ރާއްޖޭގެ ބޭންކްރަޕްސީ އިއުލާންކޮށް ދަރަނި ރީސްޓްރަކްޗާ ކުރަން ބުނުމުން މާ ގެއްލުން ގައުމަށްވާނެ ކަމަށެވެ. "އެއްވެސް ސެޝަންއެއްގައި ހިސާބު އަކުރެއް ނުފެންނާތީ އަދި ކަންބޮޑުވުން އިތުރުވަނީ،" އަމީރުގެ ވާހަކަފުޅުތަކާއި ގުޅިގެން ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަފުޅަށް ރައްދުދެއްވައި އަމީރު ވިދާޅުވެފައި ވަނީ ހިސާބު އަދަދުތަކާއެކު އާދީއްތަ ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.