ބައެއް ބާވަތްތަކުގެ ކެއުންތަކަކީ ހައިބަނޑާހުރެ ކެއުން އެދެވިގެންނުވާ ކެއުން ތަކެކެވެ. އެކަމުން ލިބޭ ސިއްހީ ގެއްލުމާއި އާއްމު ދުޅަހެޔޮކަމަށް ކުރާ އަސަރު ބޮޑުވީމަ އެވެ.

ކޮފީ

ބައެއް މީހުން ހެނދުނު ހޭލުމަށްފަހު، ނާސްތާއެއްގެ ބަދަލުގައި ހަމައެކަނި ކޮފީ ތަށްޓަކުން ފުއްދާލަ އެވެ. އެހެން ނަމަވެސް ހުސް ބަނޑަށް ހުރެ ހަމައެކަނި ކޮފީ ބޮއެފިނަމަ އެސިޑް ރިފްލެކްސް ނުވަތަ ބަނޑުގައި ހުންނަ ގޭސް (އެސިޑް)، ކާތަކެތި ހިނގާހޮޅިން މައްޗަށް އަރައި ހޮޑުލެވުން ފަދަ ކަންކަންވެ އެވެ.

ޗުއިންގަމް

ދިރާސާތަކުން ދައްކާ ގޮތުގައި ހުސްބަނޑަށް ހުރެ ޗުއިން ގަމްއަކީ ވެސް ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ހަޖަމު ކުރަން އުނދަގޫވެ، ބަނޑަށް ނޭދެވޭ އަސަރުތަކެއް ފޯރުމެވެ.

ބޭސް

ބައެއް ބާވަތުގެ ބޭހަކީވެސް ހުސް ގޮހޮރާހުރެ ކެއުން ރަނގަޅު ނޫން ތަކެއްޗެވެ. އެގޮތުން ހައިބަނޑާހުރެ ޕެރެސެޓްމޯލް އަދި ޕެއިން ކިލާފަދަ ބާރުގަދަ ބޭސްތައް ކެއުމުން ގޭސްޓްރިކް ބްލީޑިންގް ފަދަ ބަލިތައް ޖެހެ އެވެ. އެހެންކަމުން މިފަދަ ބޭސްތައް ބޭނުން ކުރުމުގެ ކުރިން އާފަލެއް ނުވަތަ ދޮންކެޔޮ ވަކެއް ކެއުން މުހިންމެވެ.

އެނާޖީ އަދި ފިޒީ ޑްރިންކްސް

މި ބުއިންތަކަކީ ހައިބަނޑާ ނޫނަސް ބުއިން ރަނގަޅު ނޫން ބުއިން ތަކެވެ. ނަމަވެސް ހައިބަނޑާހުރެ އެ ބުއިމުން އޭގެ ގެއްލުން އިތުރުވެ އެވެ. އެނާޖީ ޑްރިންކްގައި ހުންނަ ބާރުގަދަ އެސިޑްތަކުގެ ސަބަބުން ބަނޑަށާއި ސިއްހަތަށް ނޭދެވޭ އެތައް އަސަރުކޮށް ވައިގެ އުނދަގޫތަކަށް ވެސް މަގުފަހިވާނެ އެވެ.