ނިދީގައި ގުގުރިދެމުމަކީ އާންމުކޮށް ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި ހާއްސަކޮށް މާބަނޑު އަންހެނުންނަށް ގުގުރި ދެމުން އިތުރުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. މާބަނޑު މީހުންގެ ތެރެއިން 25 ޕަސެންޓް މީހުން ވިހެއުމަށްފަހު ވެސް ނިދާއިރު ގުގުރި ދަމަ އެވެ.

ނިދީގައި އާންމުކޮށް ގުގުރި ދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނގަޅު ގޮތަކީ ނިދާއިރު އަރިއަކަށް އޮވެގެން ނިދަން އާދަ ކުރުމެވެ. އުއްޑުން އޮވެ ނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެކެވެ. އަދި ނިދާއިރު ބޯލާކޮޅު އުސްކޮށްގެން ނިދުން ވެސް މުހިއްމެވެ. މިގޮތުން ބޯދަށަށް އިތުރު ބާލީހެއް ލެވިދާނެ އެވެ.

ހަމައެއާއެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ނިދާބޭސް ބޭނުން ކުރާނަމަ، އެކަން މުޅިން ހުއްޓާލާށެވެ. މިހުރިހާ އެއްޗަކީވެސް ނިދުމުގައި ގުގުރި ދެމުމުގެ ފުރުސަތު ބޮޑުކޮށްދޭ އެއްޗިއްސެވެ. ސަބަބަކީ މި ހުރިހާ އެއްޗިއްސަކީ ވެސް ނިދާއިރު ނޭވާހޮޅި ހިމަކުރުވާ ތަކެއްޗެވެ.

މީގެ އިތުރުން އަނގައިގެ ބަދަލުގައި ނޭފަތުން ނޭވާލާން އާދަކުރުމަކީ ވެސް މިކަމަށް ކުރެވިދާނެ މުހިއްމު ފަރުވާ އެކެވެ. އަނގައިން ނޭވާލާލުމުގައި ގުގުރި ދަމަން ފުރުސަތު ބޮޑުވާތީ އެވެ.

ގުގުރި ދެމުމަކީ ކައިރީގައި ނިދަން އޮންނަ މީހާއަށް ވެސް އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމަކަށް ވާއިރު އެކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހެ އެވެ.