އައްމާމް (28 ޖޫން) އުރުުދުންގެ އަގަބާ ސީ ޕޯޓުގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެ 250 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ 25 ޓަނުގެ ކްލޮރިން ގޭސް ބަރުކޮށްފައި ހުރި ސިލިންޑަރެއް ކްރޭނެއް ބޭނުން ކޮށްގެން ބޯޓަކަށް އަރުވަން އުޅުމުގެ ތެރޭގައި ސިލިންޑަރު ކްރޭނުން ދޫވެ ވެއްޓިގެންނެވެ.

އުރުުދުންގެ މީޑިއާތަކުން އާއްމުކޮށްފައިވާާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިލިންޑަރު ފަޅައިގެން ދިއުމާއެކު ރީނދޫ ކުލައިގެ ގޭސް މުޅި ތަނަށް ލީކުވެ ފެތުރެމުންދެ އެވެ.

ކްލޮރިންއަކީ ނުރައްކާތެރި ގޭހަކަށް ވާއިރު މި ގޭސް ނޭވާލާ ނިޒާމަށް އެތެރެ ވުމަކީ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ.

ގޭހުގެ އަސަރުކުރި ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެވުނު ނަމަވެސް ހެލްތު މިނިސްޓްރީއިން ބުނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ މަދު ބަޔަކަށް ކަމަށެވެ.

މި ހާދިސާގެ ސަބަބުން އެ ޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓިފައިވާއިރު އަލުން އޮޕަރޭޝަން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެގައުމުގެ ފުލުހުން ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަން ފަށާފަ އެވެ. -- އަލް އަރަބިއްޔާ