ކީވް (28 ޖޫން) - ސެންޓްރަލް ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރެމެންޗުކްގައި ހުންނަ ބޮޑު ޝޮޕިން މޯލްއަކަށް ރަޝިއާއިން ހަމަލާ ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ދިން މި ހަމަލާގައި މިހާތަނަށް 16 މީހަކު މަރުވެފައިވާއިރު އިތުރު 250 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން ރިޕޯޓު ކޮށްފައިވެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވިދާޅުވީ ހަމަލާ ދިން ވަގުތު އެ އިމާރާތުގައި 1000 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

މަންޒަރު ދުށް ފަރާާތްތަކުން ބުނި ގޮތުގައި ބާރުގަދަ އަޑުފަށްގަނޑަކާއެކު އެ އިމާރާތުގައި އަލިފާން ރޯވެ ބޯ ދުން ތަކެއް އަރަން ފަށާފައިވެ އެވެ.

ހަމަލާގައި އިމާރާތް އެއްކޮށް ބިމާ ހަމަވެފައިވާއިރު ރެސްކިއު ޓީމުތަކުން އަންނަނީ އިމާރާތުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގައި ރަޝިއާއިން އިރުމަތީ ޔޫކްރެއިންގެ ގިނަ ސަރަހައްދުތައް ހިފާފައިވާއިރު އެގައުމުގެ ސިފައިން ވަނީ ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް މިސްރާބު ޖަހާފަ އެވެ.

ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިން އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރުގެ އެހީ ހަަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޓޯއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ