މާލޭގެ މަގު ހެދުމުގެ މަޝްރޫއުއާއި ގުޅޭ ގާނޫނީ ހުރިހާ މަރުހަލާއެއް ކައުންސިލުންވަނީ ނިންމާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތައް ޒަމާނީފެންވަރަށް ހެދުމަށްޓަކައި ސަރުކާރުން ފެއްޓެވި މަގުހެދުމުގެ މަޝްރޫއު ނިމިދިޔަ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށިފައިވީ ނަމަވެސް ވަކި ހިސާބަކުން މި މަޝްރޫއު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މަޝްރޫއު ހުއްޓިފައިވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ.

ކައުންސިލަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބެއްކަމަށް ކައުންސިލަރުން ގަބޫލު ކުރައްވަނީ މަގު ހެދުމުގެ މަޝްރޫއު ލަސްވާ ސަބަބާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީ އާއި އާރްޑީސީއިން ދައްކައްވަމުން ގެންދަވާ ބައެއް ވާހަކަތަކެވެ.

މަގު ހެދުމުގެ މަޝްރޫއު ލަސްވެފައިވުމާއި ކައުންސިލަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއް ނުކޮށްގެން ނޫން ކަމަށާއި، ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް ކަމަށާއި، އެކަމަށް ބަޖެޓް އިތުރުނުވާ ކަމަށާއި، ސްކޯޕަށް އެއްވެސް މަގެއް އިތުރު ނުކުރާކަމަށެވެ.

"މަޝްރޫއު ކުރިއަށްނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއްނުކޮށްގެން ނޫން އިނގޭތޯ. ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް. އެކަމަށް ބަޖެޓެއް އިތުރެއްނުވޭ، ސްކޯޕަށް އެސްވެސް މަގެއް އިތުރެއް ވަކި ނުވޭ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރޯޝަނީމަގު ވެސް ހެދީ ކައުންސިލުން ގެންނަން ހުށަހެޅި ބަދަލުތައް ގެނައުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މަޝްރޫއު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މި ފާއިތުވި 7 މަސް ވޭތުވެގެން ދިޔައިރު މަޝްރޫއު ހުއްޓިފައި އޮތީ ކޮން ސަބަބަކާ ގުޅިގެންކަން ކައުންސިލަށް ސާފުނުވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން އެ މަޝްރޫޢުއަށް ގެންނަން ހުށަހެޅި ބަދަލުތަކާއިއެކު ވެސް ވަނީ އެއްބަސްވެފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ފުލް ސްކޯޕްގައި އަމީނީ މަގު އެއްކޮށް ނިންމާކަށް ނެތް. އެހެންކަމުން އެއީ ދެކޮޅުޖެހޭ ކަމަކަށްނުވާތީ އަޅުގަނޑުމެން އެއަށް އިތުރުކުރީ ފިނޭންސްއާއި ޕްލޭނިން އާ ވެސް ވާހަކަ ދައްކައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މުޅި އަމީނީމަގު ހެދުމަށް. އެކަންވެސް ހުރީ ހުރިހާ ލިޔެކިޔުމަކުން ހަމަޖެހިފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުއަކީ މިއަހަރަށް ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގައިވެސް އޮތް މަޝްރޫއުއެއް ކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މަޝްރޫއުއާއި ގުޅޭ ގާނޫނީ ހުރިހާ މަރުހަލާއެއް ކައުންސިލުން ވަނީ ނިންމާފައި ކަމަށާއި މިވަރު މުހިންމު ކަމެއްގައި މި ހިފެހެއްޓުން ހިފަހައްޓާ ސަބަބަކީ އަޖއިބެއް ފަދަ ކަމެއް ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައިފް ފާތިހު ވެސް ވަނީ މަގު ހެދުމުގުގެ މަޝްރޫއު ހުއްޓިފައި އޮންނަ އޮތުން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ސައިފް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައި އަބަދު ކައުންސިލުން ތިބެން ޖެހުމަކީ ހިތާމަ ކުރައްވާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ހިތާމަކުރަން މީ އަބަދު އަޅުގަނޑުމެން ދަޢުލަތް ހިއްސާވާ ކުންފުނިތަކުގެ މަރސީގައި ތިބެންޖެހޭތީ. އެބޭފުޅުން ކޮށްދެއްވިއްޔާ ނޫނީ އަޅުގަނޑުމެން ހަވާލުކުރާ މަސައްކަތެއްގެ މައްޗަށް ވެސް ބަހެއް ބުނުމުގެ އިޚްތިޔާރެއް އަޅުގަނޑުމެންނަކަށް ނެތް." ސައިފް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސައިފް ވަނީ މި މަޝްރޫޢުގެ ދަށުން މާލެ ސިޓީ ކައުންސިލުން އާރުޑީސީ އާއިއެކު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.