އެއް އާއިލާއެއްގައި އެއް މަސައްކަތެއްކުރާ އެކަކަށްވުރެ ގިނަ މެމްބަރުން ތިބުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް އެއް އާއިލާއަކަށް ނިސްބަތްވާ ހުރިހާ މެމްބަރުން ފާއިތުވި ގަރުނު ތެރޭގައި އެއް މަސައްކަތެއް ކުރުމަކީ ތަފާތު ވާހަކަ އެކެވެ.

މިއީ އިންޑިއާގެ ނިއުދިއްލީއަށް ނިސްބަތްވާ އާއިލާ އެކެވެ. 1920 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ސަބަރްވާލް އާއިލާގެ 150 މެމްބަރުންނަކީ ވެސް އާމްދަނީ ހޯދަންކުރާ މަސައްކަތެއްގެ ގޮތުގައި ޑޮކްޓަރުކަން އިޚްތިޔާރުކޮށް އެރޮނގުން ކުރިއަށް ދިޔަ މީހުންނެވެ.

ސަބަރްވާލް އާއިލާގެ ތާރީހް ސިއްހީ ދާއިރާއާ ގުޅުނީ 1920 ވަނަ އަހަރު އޭރު އެއާއިލާގެ އެންމެ އިސްކޮށް ހުރި ލާލާ ޖީވަންމަލް އޭނާގެ އަމިއްލަ ހޮސްޕިޓަލެއް ހުޅުވައި ހިދުމަތް ދޭންފެށި ހިސާބުންނެވެ.

އެދުވަހުން ފެށިގެން އެއާއިލާއަށް އުފަންވި ކޮންމެ ކުއްޖަކީ ވެސް ބޮޑުވެ ވަޒީފާ އަދާކުރާ އުމުރަށް އެޅުމުން އެ ހޮސްޕިޓަލުގައި ޑޮކްޓަރުކަން ކުރި ނުވަތަ ކުރަމުންދާ ކުދިންނެވެ.

ސަބަރްވާލް އާއިލާގެ މެމްބަރުން ބުނާ ގޮތުގައި މި ދާއިރާއަކީ އުނދަގޫ، ބުރަ އެހެން ނަމަވެސް ހިތްހަމަޖެހުން ލިބޭ ދާއިރާ އެކެވެ.

އެއާއިލާގެ ދަނބިދަރިއެއް ކަމަށްވާ ޑރ. ގްލޮސީ ސަބަރްވާލް ވިދާޅުވީ އެއާއިލާގެ ހުރިހާ ކުދިން ވެސް ޑޮކްޓަރުންނަށް ވުމަކީ އާއިލީ ސަގާފަތަކަށް ވެފައިވާ ކަމަށާއި އެ ސަގާފަތް ފާއިތުވި 102 އަހަރު ކުރިއަށް ގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޑޮކްޓަރުކަމުގެ ދާއިރާގައި އުޅެން ޖެހޭ ބުރަކަމާއި އެކަމަށް ހޭދަކުރަން ޖެހޭ ހަރަދާއި ވަގުތުގެ ސަބަބުން އާ ޖީލުތަކުގެ ކުދިން ޑޮކްޓަރުކަން ޚިޔާރުކުރަން އެއްބަސް ކުރުވުމަކީ އުނދަގޫ ކަމެއް ކަމަށް ޑރ. ވިނޭ ސަބަރްވާލް ވިދާޅުވި އެވެ.

ދިއްލީގައި ހުންނަ ޖީވަންމަލް ހޮސްޕިޓަލަކީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ މަގްސަދުގައި ސަބަރްވާލް އާއިލާއިން ހިންގާ ހޮސްޕިޓަލެކެވެ.