ބޮލީވުޑްގައި އާއިލީ މައްސަލަތައް ހިމެނޭ ފިލްމުތައް ނުހަދަނީ ހުޅަނގުގެ ނުފޫޒުގެ ސަބަބުން ކަމަށް މަޝްހޫރު އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.

ވަރުން ފެނިގެންދާ "ޖުގް ޖުގް ޖިއޯ" އަންނަނީ ބޮކްސް އޮފީހުގައި ކާމިޔާބުތަކެއް ހޯދަމުންނެވެ.

މިފިލްމުގެ ކާމިޔާބީތަކާއި ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން ވަރުން ބުނީ ބޮލީވުޑްގައި ފިލްމު އުފައްދާ ވައްޓަފާޅި މިހާރު ބަދަލުވެފައިވާ ކަމަށެވެ. މިބަދަލު އައިސްފައިވަނީ ހުޅަނގުގެ ނުފޫޒުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ވަރުން ބުންޏެވެ.

ހިންދީ ސިނަމާގައި އާއިލީ ފިލްމުތަކަށް ބެލުންތެރިން ބޮޑުތަރުހީބެއް ލިބިގެންދާއިރު އެފަދަ ފިލްމުތައް މިހާރު ނުފައްދަނީ ހުޅަނގުގެ ނުފޫޒުން ކަމަށްވެސް އޭނާ ފާހަގަ ކުރި އެވެ.

"ދިޝޫމް" އާއި "ޖުދުވާ 2 "ފަދަ ހިޓް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ވަރުން ބުނީ އިންޑަސްޓްރީ ބަދަލުވަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންދީގެ ގިނަ ފިލްމުތަކެއް ބޮކްސް އޮފީހުގައި ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މަސާލާ ފެމިލީ އެންޓަޓެއިނަރުން ހެދުން ހުއްޓާލީ ހުޅަނގުގެ މާބޮޑަށް ނުފޫޒު ފޯރާތީ. ފުރަތަމަ ކަމަކަށް އެއްވެސް މީހަކަށް ނޭނގެ ކޮން ބާވަތެއްގެ ފިލްމެއް މަސައްކަތް ކުރާނެ ކަމެއް. އެންމެ ބޮޑު ޕްރޮޑިއުސަރުން ފެށިގެން އެންމެ އާދައިގެން ޕްރޮޑިއުސަރުންނަށް ވެސް ނޭނގޭނެ ކާމިޔާބުވަނީ ކޮން ކަހަލަ ފިލްމެއް ކަމެއް،" ވަރުން ބުންޏެވެ.

ވަރުންގެ ފިލްމު "ޖުގް ޖުގް ޖިއޯ" ގައި އަނިލް ކަޕޫރާއި ނީތޫ ކަޕޫރާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެ އެވެ. މި ފިލްމަށް މިހާރު ވެސް ވަނީ ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.

https://www.instagram.com/p/CfA4zt8DOt9/?hl=en

"ޖުގް ޖުގް ޖިއޯ" އަށް ފަހު އުމުރުން 35 އަހަރުގެ އެކްޓަރުގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ އަމަރް ކައުޝިކްގެ މޮންސްޓަރ ކޮމެޑީ "ބެދިޔާ" އާއި ނިތޭޝް ތިވާރީގެ ލޯބީގެ ވާހަކަ "ބަވާލް" އެވެ.

"ބަވާލް" އަދިވެސް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުންދާއިރު، "ބެދިޔާ" އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.