ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓަށް ދަރިޔަކު ލިބެންއުޅޭ ވާހަކަ ބުނުމުން އުފަލުން ރޮވުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އާލިއާ އޭނާ ބަޑުބޮޑު ވާހަކަ ބުނި ވަގުތު އުފަލުން ރޮވުނު ކަމަށެވެ. އަދި އާލިއާ ކުޑައިރުން ފެށިގެން ބޮލީވުޑްގައި ކާމިޔާބު ބަތަލާއަކަށްވި މަންޒަރު ފެނިފައިވާ ކަމަށްވެސް ކަރަން ބުންޏެވެ.

މީގެ އިތުރުން ކަރަން ބުނީ އާލިއާ މަންމައަކަށް ވާން އުޅޭތީ އެކަމާ އޭނާ އުފާކުރާ ކަމަށެވެ.

"އަހަރެންނަށް ގަބޫލްވެސް ނުކުރެވުނު އާލިއާއަށް ކުއްޖެއް ލިބެން އުޅޭކަން. ހީވަނީ އަހަރެންގެ ދަރިއަކަށް ދަރިއެއް ލިބެން އުޅޭހެން. ވަރަށް އުފަލުން މި ހުރީ،" ކަރަން ޖޯހަރު ބުނި އެވެ.

ރަންބީރާއި އާލިއާގެ ދަރިފުޅު އުރާލަން ކެތްމަދުވެފައިވާ ކަމަށާއި މިހާރު އެ މީހުންގެ ދަރިފުޅުދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު އާއި އާލިއާ ބަޓްއަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އާލިއާއާއި ރަންބީރް ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ 14ވަނަ ދުވަހުގަ އެވެ.