ހޮލީވުޑްގެ ބަތަލާ މިންޑީ ކޭލީ އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެކުގައި ފެންނަ ވެޑިން ކޮމެޑީ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިފިލްމަކީ މިންޑީގެ ކުންފުނި، ކޭލީ އިންޓަނޭޝަނަލް އާއި ޕްރިޔަންކާގެ ފިލްމު ކުންފުނި ޕާޕަލް ޕެބެލް ޕިކްޗާޒް (ޕީޕީޕީ) ގުޅިގެން ހަދަން ނިންމާފައިވާ ފިލްމަކީ އިންޑިއާ ސްޓައިލްގެ ބޮޑު ކައިވެނީގެ ހަފުލާއަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޓީއެކެވެ.
2019 ވަނަ އަހަރު އިއުލާނުކުރި މިފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މިފިލްމުގެ މުހިއްމު ރޯލުތަކުން މިންޑީ އާއި ޕްރިޔަންކާ ފެނިގެންދާނެ އެވެ. މި ފިލްމުގައި ޕްރިޔަންކާ ޕަންޖާބީ އަންހެނެއްގެ ރޯލުން ފެނިގެންދާއިރު މިންޑީ ފެނިގެންދާނީ އޭނާގެ ކަޒިންގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ނަން ވެސް އަދި އިއުލާން ނުކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ކާސްޓްގައި ވެސް ހިމެނޭ ޑޭން ގޫ އާއި މިންޑީ އެވެ.
މިއާ ބެހޭ އެންމެ ފަހުގެ ބައެއް ވާހަކަތައް ފޯބްސްއާ ހިއްސާކުރަމުން މިންޑީ ބުނީ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
"އަހަރެމެން ދެ މީހުންގެ އަސްލަކީ ވެސް އިންޑިއާ. ޕްރިޔަންކާ އަކީ ޕަންޖާބީ އާއިލާއަކަށް ނިސްބަތްވާ ތަރިއެއް. އަހަންނަކީ އެމެރިކާ ރައްޔިތަކަށް ވިޔަސް އިންޑިއާގެ ބެންގާލީ ދަރިކޮޅުގެ މީހެއް،" މިންޑީ ބުންޏެވެ.
ނަމަވެސް އަދިވެސް މި ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ޑައިރެކްޓްކުރާނެ މީހެއްގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުން ވެސް އިއުލާނެއް ނުކުރެ އެވެ. ފަހަރުގައި މިންޑީ ފިލްމު ޑައިރެކްޓް ވެސް ކޮށްފާނެ އެވެ.
ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނަން އޮތް ހޮލީވުޑްގެ ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 10 އަށް ތާވަލުކޮށްފައި އޮތް "އިޓްސް އޯލް ކަމިން ބެކް ޓު މީ" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" އެވެ.