ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅެފައިވާ "ދަބަންގް" ފިލްމުތަކަކީ ވަރަށް ކާމިޔާބު ފިލްމު ތަކެކެވެ. އެހެންވެ ސަލްމާންގެ ފޭނުން މި ސިލްސިލާގެ ހަތަރު ވަނަ ފިލްމަކަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ދަބަންގް 4" ފިލްމަށް ސަލްމާން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ. އެގޮތުން އެފިލްމުގެ ސްކްރީންޕްލޭ ޓިގްމާންޝޫ ދޫލިއާ އަންނަނީ ލިޔަމުންނެވެ. އަދި ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ނިންމާލާފައިވާއިރު ސަލްމާން ސްކްރީންޕްލޭ އާ މެދުގައި ހިތްހަމަޖެހިފައި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ދަބަންގް 4" މަސައްކަތް ފަށާނެ ތާރީހެއް ހާމަކޮށްފައިނުވާއިރު މިފިލްމު ޑައިރެކްޓް ކޮށްދޭން ވެސް ޓިގްމާންޝޫ ދޫލިއާ ކައިރިން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓިގްމާންޝޫ އަކީ "ސާހެބް ބީވީ އޯރް ގޭންގްސްޓާ" އާއި "ޕާން ސިންގް ތޯމަރު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ "ޔާރާ" އެވެ.

އޭނަ މި ވަގުތު އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމާފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އާއި އަނީސް ބަޒްމީ ޑައިރެކްޓްކުރާ "ނޯ އެންޓްރީ 2" އެވެ.

"ދަބަންގް" ގެ ފުރަތަމަ ބައި އަބިނާވް ކޭޝަޕް ޑައިރެކްޓްކޮށް ގެނެސްދިނީ 2010 ގަ އެވެ. އެ ފިލްމަކީ ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފުވި ފިލްމު ވެސް އެވެ. ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާން ޑައިރެކްޓްކޮށް "ދަބަންގް 2" ގެނެސްދިނީ 2012 ގަ އެވެ. އަދި ޕްރަބޫދޭވާ ޑައިރެކްޓްކޮށް "ދަބަންގް 3" ގެނެސްދިނީ 2019 ގަ އެވެ.

މި ފްރެންޗައިޒަކީ ސަލްމާންގެ ފިލްމު ކުންފުނި، އެސްކޭއެފުން ގެނެސްދޭ އެއްޗެކެވެ.