ބަރުދަން ލުއި ކުރުމަށް އެކި މީހުން އެކި އުކުޅު ގެންގުޅެ އެވެ. އެކި މީހުން ރަނގަޅު ކަމަށް ވެސް ބުނަނީ އެކި ކަންކަމެވެ. މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތުގެ 95 ޕަސެންޓް ބިނާވާ ކަމަށް ސިއްހީ މާހިރުން ބުނާ ބައެއް ކަންކަމަށެވެ.
ކެލޮރީ ޑެފިސިޓް ޑައިޓެއް
ބަރުދަން ލުއި ކުރުމަށްޓަކައި ކެލޮރީ ޑެފިސިޓް ޑައިޓެއް ގެންގުޅުން މުހިއްމެވެ. އެއީ ހަށިގަނޑުން އަންދާ ކެލޮރީއަށްވުރެ ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދު ކުރުމެވެ. މިކަމަށްޓަކައި ހަކުރާއި އެނާޖީ ޑްރިންކްސް އަދި ތައްޔާރީ ކާނާ ހުއްޓާލެވިދާނެ އެވެ.
ޕްރޮޓީން އިންޓޭކް ގިނަ ކުރުން
ދުވާލުގެ ތިންއިރު ކެއުމުގައި ވެސް ޕްރޮޓީން ގިނަ ބާވަތްތައް ހިމެނުމަކީ ބަރުދަން ލުއިވުމަށް އެހީވާނެ ކަމެކެވެ. އެގޮތުން ބިހާއި ކިރު، މަހުގެ ބާވަތްތަކުގެ އިތުރުން ބަދަނުގެ ބާވަތްތަކަކީ ޕްރޮޓީން ގިނަ އަދަދަކަށް ލިއްބައިދޭ ކެއުންތަކެވެ.
މޭވާއާއި ތަރުކާރީ ކެއުން
ކެއުމުގައި ކޮންމެހެން ވެސް ތަރުކާރީއާއި މޭވާ ހިމަނަން ވާނެ އެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ މާއްދާ ކަމަށްވާ ފައިބާ ލިއްބައިދޭ ބާވަތްތަކެވެ.
ބަރު އުފުލުން
ހަފްތާއަކު މަދުވެގެން ތިން ފަހަރު ބަރު އުފުލުމަކީ ބަރުދަން ލުއި ކުރުމުގެ ވަރަށް މުހިއްމު ބައެކެވެ. ޖިމްގެ ބޭނުމަކީ މިއީ އެވެ. ޖިމްގެ ކަސްރަތު ތަކުން ބަރު އުފުލުމުގެ މަގްސަދު ހާސިލްވެ ހަށިގަނޑުން ސަރުބީ ވިރުވައިދެ އެވެ.