ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަަސް އެޅި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ރޭގެ ވަގުތެއްގައި ހައިކޯޓަށް ހުށަހަޅާފައިވާއިރު އެމައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތްތައް ހުރަސް އެޅި މައްސަލާގައި ޝައިހް ނިޝާނާއި ޝައިހް ފަޒްލޫން ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ނިޝާންގެ ބަންދަށް 13 ދުވަސް އަދި ފަޒްލޫންގެ ބަންދަށް ވަނީ 16 ދުވަސް ދީފަ އެވެ.
ދެ އިލްމުވެރިން ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެކަކު ދޫކޮށްލާފައިވާއިރު ބަންދުގައި ތިބީ 20 މީހެކެވެ. އަދިވެސް ހައްޔަރުކުރަން ޖެހޭ މީހުން އެބަ ތިބި ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔޯގާ ޑޭ ގެ ހަމަނުޖެހުންުތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ