ގިނަ އަދަދެއްގެ ދިވެހީންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގީރްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

މިމައްސަލާގައި އަލަމްގީރް ހައްޔަރު ކޮށްފައިވަނީ މިމަހުގެ ބާރަ ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ ކުރިން ބަންދަށް ޖެހި ފަސް ދުވަސް ހަމަވުމުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

އަލަމްގީރް ހައްޔަރުކުރިއިރު އޭނާގެ ޕާސްޕޯޓް މީގެކުރިން އޮތީ ހިފަހައްޓާފަ އެވެ. އަދި މީގެކުރިން އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގާފައިވެ އެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެ ދެ ބޭފުޅުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވަނީ ނާޒިމް ސައްތާރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަލަމްގީރްގެ އިތުރުން ނާޒިމް އާއި ކާނަލް ވެސް ރާއްޖޭން ފުރުން މަނާކޮށް، ޕާސްޕޯޓްތައް ވަނީ ހިފަހައްޓައިފަ އެވެ.