އިނގިރޭސި ވިލާތުގެ ހޫނު މިން 42 ޑިގްރީ އަށް މިއަދު އަރާނެ އެވެ. މިއީ މިގައުމުގެ ހޫނުމޫސުން ކަމުގައި ވިޔަސް ޖުލައި މަހުގައި ގައުމުގެ ހޫނު މިން އާންމު ކޮށް ހުންނަނީ އެވްރެޖް 22 ޑިގްރީ ގައެވެ. އެހެންކަމުން މިހާރު މިވާ ހޫނަކީ ސަތޭކަ ޕަސެންޓަށް މަތިވުމެކެވެ.
އާދަޔާ ޚިލާފު ހޫނުގެ ސަބަބުން އިނގިރޭސި ވިލާތް ވަނީ ރެޑް އެލާޓް ނެރެ އިމަޖެންސީ ސާވިސް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. މިއީ އިނގިރޭސި ވިލާތުގައި ހޫނު ވުމާ ގުޅިގެން މިފަދަ އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ. ގައުމުގެ ރެއިލްވޭ ނެޓްވޯކަށް މިފަދަ ހޫނަށް ހިފަހައްޓާ ނުލެވޭތީ ރޭލުގެ ޚިދުމަތް ދެނީ އާންމު ކޮށް ދޭވަރަށް ވުރެ މާ މަދުންނެވެ. ބައެއް ހިސާބު ތަކުގެ ރެއިލް ދަތުރުތައް ވަނީ އެއްކޮށް ހުއްޓާ ލައިފައެވެ. ސަބަބަކީ ރެއިލް ދަގަނޑުތަކާއި މަތިން ދަމާފައި ހުންނަ ކަރަންޓު ނަރުތައް ހިސާބަށް ވުރެ ހޫނުވުމުގެ ސަބަބުން ހިނގައިފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމެވެ.
ރެއިލް ދަތުރެކޭ އެއްފަދައިން ވައިގެ ދަތުރު ތަކަށް ވެސް ވަނީ ވަރަށް ބޮޑު ބުރުއެއް އަރައިފަ އެވެ. ގައުމުގެ މައިގަނޑު ހުރިހާ އެއާޕޯޓުތަކެއްގައި ވެސް ފްލައިޓް ކެންސަލް ކުރަން ވަނީ މަޖުބޫރުވެފަ އެވެ. ހޫނު ގަދަވުމުގެ ސަބަބުން އެއާޕޯޓުގެ ވަސީލަތްތަކަށް ހިފަހައްޓާލެވޭ ވަރު ނުވާތީ އެވެ.
އާދަޔާ ޚިލާފު ހޫނުގެ ސަބަބުން ގައުމުގެ ދަތުރު ފަތުރަށާއި މުވާސަލާތީ ނިޒާމަށާއި އާންމު ދިރިއުޅުމަށް އަސަރު ކުރަމުން ދާއިރު ސިއްހަތާ ބެހޭ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި މި ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ އެވެ.
އިނގިރޭސި ވިލާތަށް ހޫނަށް ކެތް ނުވެވިގެން އުޅޭއިރު ޔޫރަޕްގެ ބޮޑެތި އެހެން ގައުމުތަކަށް ވެސް މި މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ސްޕޭނާއި ފްރާންސާއި އިޓަލީގެ ޖަންގަލިތައް ރޯވެ ކޮންޓްރޯލް ނުވެ ދަނީ އަނދަމުންނެވެ. މި ގައުމުތަކުން މިހާރު ގެންދަނީ އަލިފާން ފެތުރިދާނެ ހިސާބުތަކުން މީހުން ހުސްކުރަމުންނެވެ. އަލިފާނުގެ މިހާދިސާތަކުގައި ވެސް 1،000 އެއްހާ މީހުންގެ ފުރާނަ ވެސް ހިނގައްޖެ އެވެ. ފްރާންސާއި ސްޕޭނުގެ އިތުރުން ޕޯޗްގަލާއި ސާބިޔާގައި ވެސް ދަނީ ޖަންގަލިތައް ރޯވެ އަނދަމުންނެވެ.
ޔޫރަޕަށް ތަހައްމަލު ކުރަން ޖެހިފައި މިވާ ގަދަ ހޫނާ ބެހޭގޮތުން ސައިންސްވެރިންގެ ވާހަކަ ވަރަށް ސާފެވެ. އެ މީހުން ބުނާގޮތުން މިހާރު މިކުރިމަތިވާ ހޫނަކީ މީގެ އެތައްް އަހަރެއް ކުރިއްސުރެ އެމީހުން އިންޒާރު ދެމުން އައި ގްލޯބަލް ވާމިންގެވެ. ދުނިޔޭގެ ހޫނުވަމުންދާ މިންވަރު މަޑު ޖެއްސުމަށް އަޅަން އެއްބަސްވެފައިވާ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުން ފަސްޖެހުމުގެ ނަތީޖާ އެވެ.
ސައިންސްވެރިން އެކި ސިފަސިފައިގައި ގޮވާލަމުން އަންނަނީ ދުނިޔެ ހޫނުވުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާށެވެ. އެހެން ނަމަވެސް އެކަމަށްޓަކާ ބޮޑެތި ސަމިޓްތައް ބޭއްވިކަމުގައި ވިޔަސް އަމަލީ ސިފައެއް ނާދެ އެވެ. ނަތީޖާއަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ މިންވަރު އަވަސްވުމެވެ. އެކަމުގެ ގެއްލުމާ ކުރިމަތި ލާން މިއަދު މިވަނީ ޖެހިފަ އެވެ. ސައިންސް ވެރިން ދެނީ އިންޒާރެވެ. ދުނިޔެ ވަނީ ހޫނެވެ.