ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އެދެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އެދިފައިވަނީ ދާދި ފަހުން އޭނާ އާއި އޭނާގެ އާއިލާއަށް ގޭންގަކުން މަރުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

ހަތިޔާރު ގެންގުޅުމާ ހުއްދައަކަށް އެދުމަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްޓަކައި ސަލްމާން ވަނީ ފުލުހުންގެ އިސް އޮފިސަރަކާ ވެސް ބަދަލުކޮށްފަ އެވެ.

އުމުރުން 55 އަހަރުގެ ސަލްމާން ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އެދުނީ އޭނާ އާއި އޭނާގެ އާއިލާގެ ރައްކަލަކަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން މިހާރު ވެސް އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ތަރި ކަމަށްވާ ސަލްމާނާއި ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރު ދީފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އަދި އޭނާ މަރާލަން ޕްލޭންކޮށްގެން، މުމްބާއީގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓްގެ ބޭރުގައި ވެސް ގޭންގެއްގެ ބަޔަކު ހަރަކާތްތެރިވި ކަމަށް މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކުރި އެވެ.

https://www.instagram.com/p/CaZcfXxly9E/?hl=en

މިކަމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ މުމްބާއީގެ ފުލުހުން ވެސް ވަރުގަދަކުރި އެވެ.

ސަލްމާނާއި އޭނަގެ ބައްޕައަށް މަރުގެ އިންޒާރު ދިނީ މިދިޔަ މަހު ޕަންޖާބީ ފަންނާނު ސިދޫ މޫސާވާލާ މެރިކަމުގެ ޒިންމާ ވެސް ނެގި ލޯރެންސް ބިޝޯނީގެ ގޭންގުންނެވެ.