އާރްމީނިއާގެ ނަސްލު ނައްތާލުމާ ބެހޭ ގޮތުން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓާ ގުޅިގެން ތުރުކީން ބަޔާނެއް ނެރުމާއި ގުޅިގެން އެޓްވީޓް ޑިލީޓް ކޮށްފި އެވެ.
މިނިސްޓަރު ޝާހިދު ވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަރުމޭނިޔާއާ ދެކޮޅަށް ތުރުކީން ހިންގި ކަމަށް ބުނާ ގަތުލްއާންމުގައި މަރުވި މީހުންގެ މަގްބަރާއަށް ޒިޔާރާތްކޮށް، އެތަނުގައި މާބޮނޑިއެއް ބާއްވައި ޓުވީޓުކޮށްފަ އެވެ.
މިނިސްޓަރު ޝާހިދުގެ މިއަމަލު ކުއްވެރިކުރައްވާ ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން މިނިސްޓަރު ޝާހިދު މަސައްކަތް ކުރަންވާނީ ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އިންސާފުން ކަމަށެވެ. އަދި އެމަގާމުގައި ހުންނަވައިގެން އެހާދިސާގެ ހަގީގަށް އޮޅުވާލުމަށް ޝާހިދު މަސައްކަތް ކުރުން އެ ގައުމުން ބަލައި ނުގަންނަ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
ތުރުކީން އެ ބަޔާން ނެރުމާއެކު ޝާހިދު ވަނީ އޭނާގެ ޓުވީޓު ޑިލީޓުކޮށްލާފަ އެވެ. އެކަމަކު އެ ޓުވީޓުގެ ސްކްރީންޝޮޓުތަކާއެކު އަރުމޭނިޔާގެ ބައެއް ރައްޔިތުން ދަނީ ޓުވީޓު ޑިލީޓުކުރީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަރްމީނިއާގެ ނަސްލު ނައްތައިލުމަށް ތުރުކީން އަރްމީނިއާގެ އެތައް ބަޔަކު ގަތުލުކުރި ކަމަށް އެ ގައުމުގެ ރައްޔިތުން ބުނެ އެވެ. 1915 ވަނަ އަހަރު ތުރުކީ ސަރުކާރުގެ ވެރިން އަރުމީނިއާ މީހުން ބޭރުކޮށް، މީހުން މެރުމުގެ ޕްލޭނެއް އެކުލަވާލި ކަމަށް އެމީހުން ތުހުމަތުކުރެ އެވެ. އެކަމަކު ތުރުކީ ސަރުކާރުން އެ ހާދިސާ ހިންގި ކަމަށް އެމީހުން ގަބޫލެއް ނުކުރެ އެވެ.