މާލޭގެ ގެއެއްގެ ބަދިގެއިން ދާދިފަހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ބޭކިންގޕައުޑަރ ކަމަށް ޝައްކު ކުރެވި ހައްޔަރު ކުރި މީހާ ދޫވެއްޖެ އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވިގެން ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްޗެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެގޭގެ ބަދިގެއިން ދާދިފަހުން ފުލުހުން އަތުލައިގަތް ޕެކެޓުގައި ހުރީ މަސްތުވާއެއްޗެއްކަމަށް ޝައްކުވާ އެއްޗެއްކަމަށް ފުލުހުން ބުނިނަމަވެސް އެއީ ކޮން ބާވަތެއްގެ އެއްޗެއްކަން ފުލުހުންނަށް ބުނެދެވިފައެއް ނުވެ އެވެ. ފުލުހުން ބުނީ އެކަން ކަށަވަރު ކުރެވޭނީ ތަހުލީލުކޮށްގެންކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެއީ ބޭކިން ޕައުޑަރ ކަމަށާއި ފުލުހުން އެ ތަކެތި ތަހުލީލު ކުރިޔަސް، އެކަން ކަށަވަރުވާނެ ކަމަށެވެ. އޭނާ ބުނިގޮތުގައި ހައްޔަރުކުރި ވަގުތު ވެސް އެއީ މަސްތުވާއެއްޗެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އެ މީހާ ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމާފައިވަނީ ޝައްކެއްގެ މަތީގައި ހުރެ މީހަކު ބަންދު ނުކުރެވޭނެ ކަމަށް ނިންމާފަ އެވެ.