އެއްޖިންސުން ގުޅުން ހިންގާ ލިވާތުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ނާޒިމް ސައްތާރު ބަންދަށް އިތުރު ހަތް ދުވަސް ޖެހީ މިއަދު ބަންދާ މެދުގައި ގޮތެއް ނިންމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލާގައި ނާޒިމް ހައްޔަރު ކޮށްފައި ވަނީ އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓަ އެވެ.
ނާޖިމް އެއްޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވާއި ގުޅުގެން މީގެ ކުރިން އޭނާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
ނާޒިމް ހައްޔަރުކުރުން ކުށްވެރިކޮށް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ. އަދި އެކަން ކުރީ ޖިނާއީ އިޖުރާތުގެ ގާނޫނާ ވެސް ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.