އެކްޓަރު ޝަމީތާ ޝެޓީ އޭނާގެ ލޯބިވެރިޔާ ރާގޭޝް ބާޕަޓްއާ ލޯބީގެ ގޮތުން އޮތް ގުޅުން ކަނޑާލިކަން ހާމަކުރީ މީގެ ދުވަސްތަކެއް ކުރިންނެވެ.

ޝަމީތާ ބުނިގޮތުގައި ރާގޭޝް އާއި އޭނާގެ މެދުގައި ގުޅުން ކެނޑިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ އިންޑިއާގެ މަޝްހޫރު ޝޯއެއް ކަމަށްވާ "ބިގް ބޮސް" ގެ މިދިޔަ އަހަރުގެ ސީޒަން އިންނެވެ. އަދި އެއަށްފަހު އެދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދި، އެގުޅުން ލޯތްބަށް ބަދަލުކުރި އެވެ.

ދެ މީހުންގެ ލޯބި ޝޯއިން ފެށިގެން ގޮސް، އެކީގައި ކުޅެފައިވާ މިއުޒިކް ވީޑިއޯތަކުންވެސް އާންމުންނަށް ފެނިގެންދިޔަ އެވެ. ނަމަވެސް އެ ގުޅުން މާގިނަ ދުވަސްތަކެއްގައި ދެމިގެންނެއް ނުދެ އެވެ. މިކަން އާންމުންނަށް އެނގި ސާފުވުމަކީ މުހިންމު ކަމެއް ކަމުގައި ޝަމީތާ ބުނެފައިވެ އެވެ.

އެއަށްފަހު އަނެއްކާވެސް ދެމީހުން އެކަކަކު އަނެކަކު ފެންނަ ހިސާބަށް އައިސްފައިވާއިރު، ދެމީހުންގެ މެދުގައި ހުރި ދުރުމިން އާންމުންނަށް ވަނީ ފާހަގަވެފަ އެވެ. އަދި ދެމީހުންގެ ގާތުގައި އެކީގައި ފޮޓޯ ނެގުމަށް ގާތްވެލުމަށް ބުނި އިރު، ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލަދުން ފޮޓޯ ނެގުމަށް ގާތްވެލިކަން އާންމުން ފާހަގަކޮށްފައިވެ އެވެ.

އެދެމީހުންވެސް އެކީގައި ފެނިފައިވަނީ ދެމީހުން އެކީގައި މަސައްކަތް ކޮށްފައިވާ މިއުޒިކް އަލްބަމް ޕްރޮމޯޓް ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ. ހަމައެހެންމެ އެ ބައްދަލުވުމުގައި ދެމީހުންނަށް ވެސް އެކަކު އަނެކަކު ބައިވެރިވުމުގެ ސަބަބުން އުނދަގޫ ގޮތްތައް އިހުސާސްވެފައި ހުރިކަން ވެސް އާންމުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އެކަން ސިއްރުކުރަން ދެމީހުންވެސް މަސައްކަތް ކުރީ ހިނިތުންވުމަކާއި އެކީގަ އެވެ. އެދެމީހުންގެ ގުޅުން ނިމުނީ ކަމަށް ޝަމީތާ ބުނި ނަމަވެސް ޝަމީތާ އާއި ރާގޭޝްގެ ފޭނުން އެދެނީ ދެ މީހުން ވެސް އަލުން ގުޅިގެން އުޅުމަށެވެ.