ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެ ފަންނާނު ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު އުޅުމަށްފަހު ރުޅިވިތާ މާގިނަ ދުވަހެއް ނުވަނީސް ޓައިގާ އާ ލޯބިވެރިއެއް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިގާ އާއި ދިޝާ ރުޅިވުމާއި ގުޅިގެން އެ ދެމީހުންނަށް ސަޕޯޓްކުރާ ފަރާތްތަކުން ތިބީ މާޔޫސްވެފަ އެވެ. އެހެންނަމަވެސް މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާ ވަނީ އާ ލޯބިވެރިޔަކު ހޯދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާ މިހާރު ރައްޓެހިވެގެން އުޅެނީ އޭނާއާއެކު ވީޑިއޯ ލަވައެއް ކުޅުނު އަންހެން ކުއްޖަކާއެވެ. އެއީ އަކާންޝާ ޝަރްމާއެވެ.

އަކާންޝާ ޝަރްމާއަކީ މަޝްހޫރު މޮޑަލް އެކެވެ. އަދި ވަރަށް ގިނަ ލަވަތަކުން ވެސް އޭނާ ފެނިގެން ގޮސްފައިވެ އެވެ.

ޓައިގާ އާއި އަކާންޝާ ރައްޓެހިވެގެން އުޅޭ އަޑުތައް ގަދަވެފައިވާއިރު ގިނަ ސަޕޯޓަރުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ޓައިގާ އާއި ދިޝާ ވަކިވީ 6 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ. ދިޝާ ކައިވެނި ކުރަން ބޭނުންވުމުން ދެ މީހުން ވަކިވި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ޓައިގާ ބޭނުންވީ އެންމެ ކުޑަމިނުން މިވަގުތު މަޑުކުރަން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޓައިގާ މިހާރު އަންނަނީ "ސްކްރޫ ދީލާ" މަސައްކަތް ކުރަމުންނެވެ. އަދި "ގާނާޕަތު: ޕާޓް ވަން" އާއި "ބަޅޭ މިޔާ ޗޯޑާ މިޔާ" މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ދިޝާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔޯދާ" އާއި "ޕްރޮޖެކްޓް ކޭ" ހިމެނެ އެވެ.