އަހަރުމެންގެ މުޖުތަމައުގައި އާއްމު ކަމެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ނަމުގައި އަތް އުފުލޭ ފަހަރު އާދެ އެވެ. އެހެން ނަމަވެސް ކުދިންނަށް އަދަބު ދިނުމުގެ ގޮތުން ވިޔަސް އަތް އުފުލައި އަނިޔާ ކުރުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުންވެސް ގަބޫލުކުރެ އެވެ.
ދިރާސާއަކުން ދައްކާގޮތުން މީގެ 25 އަހަރު ކުރިން 85 އިންސައްތަ ބެލެނިވެރިން ކުދިންނަށް އަދަބު ދިނުމުގެ ގޮތުން ތަޅާ އަނިޔާކޮށް ހަދަ އެވެ. މިހާރު އެ އަދަދު 67 އިންސައްތަ އަށް ތިރިވެފައި ވީ ނަމަވެސް އަދިވެސް ކުރަންޖެހޭ މަސައްކަތް ބައިވަރެވެ.
ކުއްޖާއަށް ޖިސްމާނީގޮތުން އަނިޔާ ދެވޭ އެތައް ގޮތެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ އާންމު ގޮތަކީ އަތުން ނުވަތަ ދަނޑިބުރިއަކުން ނުވަތަ އެހެންވެސް އެއްޗަކުން ކުއްޖާގެ ގައިގައި ޖެހުމެވެ. މީގެ އިތުރުން ކުއްޖާގެ ގައިގައި ހިފާ ތަޅުވާލާ ނުވަތަ ކަންފަތުގަ ހިފުން ފަދަ ކަންތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ގަދަކަމުން އަނގަ ދޮއްވުން ނުވަތަ އަތް ދޮއްވުމާއި ކުއްޖާ ކެއުމަށް ދެކޮޅު ހަދާ އެއްޗެއް ގަދަކަމުން ކާންދިނުމަކީ ވެސް މައިންބަފައިންނަށް ނޭނގި ކުއްޖާއަށް ދެވޭ އަނިޔާތަކެވެ.
ކުއްޖާއަށް އަނިޔާ ދެވެނީ ހަމައެކަނި ޖިސްމާނީގޮތުންނެއް ނޫނެވެ. ނަފްސާނީގޮތުން ކުއްޖާއަށް ގެއްލުން ދެވޭ ގޮތްތަކުގެ ތެރޭގައި ބިރުދެއްކުން، އެހެން މީހުންގެ ކުރިމަތީގައި ކުއްޖާގެ އަގު ވެއްޓޭ ކަހަލަ ވާހަކަ ހާމަކުރުން، ކުއްޖާ ބިރުގެންނެވުން އަދި ހަޅޭލެވުން ހިމެނެ އެވެ. މިފަދަ އަނިޔާތަކަކީ ބޭރުފުށުން ލަކުނު ފެންނަން ނެތަސް ޖިސްމާނީ އަނިޔާއާއި އެއްވަރަށް ކުއްޖާއަށް ގެއްލުން ހުރި ކަންތަކެވެ.
ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 13 އަހަރުވުމުގެ ކުރިން އަނގަބަހުން ދޭ އަނިޔާ ތަހައްމަލު ކޮށްފައި ތިބޭ ކުދިން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޑިޕްރެޝަންގެ ޝިކާރައަކަށް ވެ އެވެ. މިއީ ނުހަނު ލޯބިން ބަލާ ބޮޑުކޮށްފައި ތިބޭ ކުދިންނަށް ވެސް ދިމާވާ ހާލަތެކެވެ.
މީގެ އިތުރުން ވެސް ދިރާސާތަކުން ދައްކާ ގޮތުން އަދަބުދިނުމުގެ ގޮތުން ކުދިންގެ ގައިގައި ތަޅާ އަނިޔާކުރާ ނަމަ އެކުދިންގެ ކިބައިގައި ބޮޑުވެގެން އެފަދަ ރުޅިވެރި އަހުލާގު އަށަގަތުމުގެ ފުރުސަތު އޮވެ އެވެ. އެފަދަ އަނިޔާތަކަކީ ކުއްޖާ ކިތަންމެ ބޮޑުވިޔަސް ހަނދާން ނެތޭނެ ކަންތަކެއް ނޫނެވެ. އަދި މީގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް ޑިޕްރެޝަން، އެންޒައިޓީ އަދި މީގެ އިތުރުން ވެސް ބިހޭވިއަރަލް ޑިސްއޯޑާސް އާ ކުރިމަތިވެ އެވެ.
ކުދިންގެ އަހުލާގު ރަނގަޅުކުރުމަށް އަދަބު ދިނުމުގެ ގޮތުން އަނިޔާކުރުމުގެ ބަދަލުގައި ސައިކޮލޮޖިސްޓުން ލަފާދެއްވާ ދެކަމެއް އޮވެ އެވެ.
އެއް ކަމަކީ ކުއްޖާ އެކުރާ ކަމެއް ހުއްޓުވާ ކުޑައިރުކޮޅަކަށް މަޑުކުރުމަށް ފަހު އެ ކުރި ކަމެއް ގޯސްވަނީ ކީއްވެކަން ލޯބިން ބުނެދިނުމެވެ.
އަނެއް ކަމަކީ ތަޅާ އަނިޔާ ކުރުމުގެ ބަދަލުގައި ބައެއް ކަހަލަ ކަންތައް ކުރުން ވަކި މުއްދަތަކަށް މެދުކަނޑާލުމެވެ. މިސާލަކަށް އެއް ދުވަސްވަންދެން ޓީވީ ނުބެލޭގޮތެ ހެދުން، އެއް ހަފްތާ ވަންދެން ޕިއްޒާ ނުދިނުން، މިފަދަ ކަންތައް ކުރެވިދާނެ އެވެ.